ދިވެހިންގެ މާދަރީ ދިވެހި ބަހަށް ޒުވާނުންގެ ސަމާލުކަން ބޭނުމެވެ.

ހާޝިމް އަބޫބަކުރު

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމަށް ކަލަންޑަރުގައި އޮންނައިރު، އެ ދުވަހަށް ސަމާލުކަން ދެނީ ކިތައް މީހުން ހެއްޔެވެ؟ ދިވެހީންގެ ވެސް އަމިއްލަ މާދަރީ ބަހެއް އޮންނަކަމުގެ އުފާވެރި އިހުސާސް ކުރެވި، އަދުގެ ދިވެހީންގެ ހާލަތު ވަޒަންކޮށް އެކަމާމެދު ފިކުރު ހިންގާލަން ވަގުތުކޮޅެއް ހޭދަކޮށްލެވެނީ ކިތައް ދިވެހީންނަށް ހެއްޔެވެ؟ މިދަންނަވަނީ އަސުރުން ތިރިވެފައި ތިބި ދިވެހިބަހުގެ ދެތިން އުސްތާޛުން ޓީވީ ޕްރޮގްރާމަކަށް އަރައި ދިވެހިބަހުގެ ދެތިން ލަފުޒުގެ މާނަ ބުނެލާ ބުނެލުމެއް ނޫނެވެ. މާދަމާގެ ދިވެހި ޖީލަށް އަހަރެމެންގެ ދިވެހިބަސް ހެޔޮގޮތުގައި ހަދިޔާކުރުމަށްޓަކައި ތިބި މިއަދުގެ ޒުވާނުން މިފަދަ ފިކުރެއްކޮށްލައި، އެކަމަށް މަސައްކަތްކުރާތަން ލޮލުބޭހަކަށްވެސް ނުފެންނާތީ އެކަމާ ހަމަ ފިކުރުބޮޑުވާތީ މިހެން އަހާލެވެނީއެވެ.

މިހާރުގެ ނޫކަށިފުރައިގެ ކުދީންނަށް ދިވެހިބަސް އެއީ ދެން މާ ދަށްފަންތީގެ ކަޓު ބަހަކަށް މި އޮންނަނީ ވެފައެވެ. ދިވެހި ބަހުން އަނެކުންނާ ވާހަކަދެއްކުމަކީ ކުރުން ހެޔޮނުވާ ވަރުގެ ލަދު ކަމަކަށްވެ، ދެ ލަފުޒު ދޭތެރޭ ފަރަންޖީ ބަހެއް ބޭނުންނުކުރާނަމަ، އެމީހަކީ ބޯދާ ޚިޔާލުގެ މީހަކަށް މި އޮންނަނީ ވެފައެވެ. ދިވެހިބަހުގެ ހަމަތަކަށް އިޙްތިރާމްކުރާ ޒުވާނަކު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދެވެ. މިހާރު ގިނަ ކުދީންނަށް ކޮޓަރީގައި އަލަމާރި އިންނަނީއެވެ! އަލަމާރީގައި ހެދުންވެސް އިންނަނީއެވެ! ގިފިލީގައި ވަޅު އިންނަނީއެވެ! އަދި ވަޅުގައި ފެންވެސް ހަމަ އިންނަނީއެވެ!

ފަހެ މިހާރުގެ ޒުވާނުންނަށް ދިވެހިބަހުގެ ބަލާޣާތްތެރިކަމާއި، އޭގައި އެކުލެވޭ އަސަރާއި، އަޑު އިވޭ ހިނދު ހިތްތަކަށް އެ ގެނުވާ ޖަޒުބާތުތައް ހަމަ އެއްގޮތަކަށްވެސް ނޭނގެނީ ހެއްޔެވެ؟ ދިވެހި ޅެންވެރިކަމުގައި އެހެރަ ފަށުވިގޮތަކީ އެހެނިހެން ބަސްބަހަށް ވުރެ ޖާދުވީ އަސަރު އެކުލެވޭ އެއްޗެހިކަން ހަމަ ރޭކާނުލަނީ ހެއްޔެވެ؟

އަނެކާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުމުން ‘ސޮރީ’ އޭ ބުނެލުމުގެ ބަދަލުގައި ދިވެހިބަހުން މަޢާފަށް އެދުމުން، އެކަން ހިތުގެ އަޑިން ޤަބޫލުކުރެވޭލެއް މާ އަވަސްކަން ޔަޤީނެވެ. ލޯބިވެރިޔާގެ ގާތުގައި ހަމައެކަނި ‘އައި ލަވްޔޫ’ އޭ ބުނުމަށްވުރެ، ކަލާދެކެ ވަރަށް ލޯބިވެޔޭ ބުނުމުން، އެ ލޯބީގެ އިހުސާސް އަނެކާގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް ކުރާނެކަމާމެދަކު ޝައްކެއްނެތެވެ. ލޯބިވެރިޔާގެ ގައިގައި އައްޓަމަހެއްހެން ތަތްކޮށްލައިގެން، އޭނާއަށް ހަށިފުރާ ނޭވާލާން އުނދަގޫވާހާ ބާރަށް ބައްދައިގެން، ލޮނުވިއްސާވަރުން ލޯކަރާހާ މޫދާ ކައިރީގައި އިނުމަށްވުރެ، ރީތި ލޯބީގެ ޅެންބައިތުތަކެއްގެ ޝާޢިރީ ގުލްދަސްތާއެއް ހަދިޔާކުރުމުން، ލޯބިވެރިޔާގެ ހައްޓަށް ލުއިވެފައި ދެވޭ މެސެޖާއި ހިތުގައި ހިނގައިގަންނަ އިޝްޤީ އޮއިވަރު މާގަދަވާނެކަން ޔަޤީނެވެ.

އަޑު އަހާލަން ހިތްހަމަޖެހެނީ ‘އައިލަވްޔޫ… އައި ވިލް އޯލްވޭސް ލަވްޔޫ… ފޮރ އެވަރ އެންޑް އެވަރ..” ހެއްޔެވެ؟ ނޫނީ މިފަދަ ޅެން ބައިތު ކޮޅެއް ނޫންހެއްޔެވެ؟

“ހިތުގައިވަނީ ތިޔަ ސޫރައޭ، ބިންވަޅު އެކީ ނެގިފައި މަގޭ

މިތުރާއަކަށް ނޭނގޭނެޔޭ، ހިތް އޮބިނުއޮންނަ ވަރެއް މަގޭ

ތިޔައޭ އަބަދުގެ ޚިޔާލަކީ، މުޅި ރޭދުވާލުގެ ފިކުރަކީ

ތިޔައޭ މިހިތުގައި ކުރެހިފައި ވާ ސޫރައީ އުމުރަށް އިނގޭ”

ދަރިފުޅު ނިންދަވާއިރު ކިޔަން އެންމެ ކަމުދަނީ ‘އިންކީ ވިންކީ ސްޕައިޑަރ’ ހެއްޔެވެ؟ ނޫނެކެވެ. ދަރިފުޅުދެކެ ލޯބިވާކަން ހާމަކުރުމަށްވެސް އެންމެ އެކަށޭނައީ ޖޭމު ދޮންކަމަނަގެ “މި ކުޑަކުޑަ ލޯބި ނާނާޔަށް” ފަދަ ރީތި ލަވައެއްކަން ޔަޤީނެވެ.

އެހެންނަމަވެސް ހިތާމައަކީ އެންމެ ކުޑަ އިރުއްސުރެވެސް އަޅުގަނޑު ކިޔައިގެން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ބަދަލުގައި ‘އައި’ އާއި ‘ޔޫ’ ކިޔަން ދަސްކޮށްދެވޭކަމެވެ. ސްކޫލްތަކުގައިވެސް ދިވެހި މާއްދާއަށް ދޭ ސަމާލުކަން ކުޑަވުމެވެ. ދިވެހި މާއްދާއަށް ހަފްތާއަކު ދެގަޑި ނޫނީ ތިންގަޑި އެވެ. އިނގިރޭސި ކިޔައިފިނަމަ، ކޮންމެ ދުވަހަކު ދެތިން ހަތަރުގަޑިވެސް އޮންނަނީ މަދުވެފައެވެ. މީގެ ނަތީޖާއަކީ މިއަހަރު ޘާނަވީ އިމްތިހާނު ހަދަން ތައްޔާރުވަމުންދާ ދަރިވަރުން ތެރޭގައި މާދަރީ ބަހަކީ ކޮބައިކަންވެސް ނޭނގޭ ކުދިން ތިބުމެވެ. އިމްތިހާނުތަކުން ދިވެހި މާއްދާއިން ފޭލިވާ ކުދިން ގިނަވުމެވެ. ދިވެހިބަހުގެ ހަމަތައް ނުދަންނަކުދިން ގިނަވެގެން ދިއުމެވެ.

މައިންބަފައިންނާއި ހިސާބުން ފެށިގެން ސްކޫލްތަކުގައި ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނާއި މުޤައްރަރުތައް އެކުލަވާލައި ބޭފުޅުންވެސް ދަރިވަރުން ދިވެހިބަހަށް ލޯބިޖެއްސުމަށް މަސައްކަތްކުރަން މިއޮތީ ލަސްވެފައެވެ. ދިވެހިބަސް ކިޔަވަން ފޫހިވެއޭ ދަރިވަރުން އެބުނާ ބުނުމަށް ސަމާލުކަންދީ މުޤައްރަރުތައް އިސްލާޙުކޮށް އެކުދީން ކިޔަވާ ހިތްވާފަދަ ފިލާވަޅުތަކާއި ތަމްރީނުތައް ހިމަނައިގެން ކްލާސްތައް ގެންދަން އެބަޖެހެއެވެ. ދިވެހި އަދަބިއްޔާތުގެ ބައިތަކަށް ދަރިވަރުންގެ ލޯބި އިތުރުކުރުމަށް އިތުރު ހަރަކާތްތައްވެސް އައު ފެށުމަކުން ފަށަންވެފައެވެ. އެހެންނޫނީ އަހަރެމެންނަށް ލިބިފައިމިވާ މުއްސަނދި މާދަރީ ބަސް ނެތިގެން ދިއުމަށް ގިނަދުސްތަކެއް ނުނަގާނެއެވެ.

މަސްދަރު: ކުޅުދުއްފުށީ . ކޮމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދު ވަކިކުރުން: ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާއާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ...

މީދޫގެ ހުރީހާ އެމްޑީޕީ މެމްބަރުންވެސް ތިބީ ކެނޑިޑޭޓް ޝޫޒާއާއި އެއްކޮށް- ވަސީމު

advertisement މީދޫ ދާއިރާގެ އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ތިބީ އެމްޑީޕީ ކެނޑިޑޭޓް ޝޫޒާއާއި އެއްކޮށްކަމަށާ އެމްޑީޕީގެ މެމްބަރުން ބައިބައިވެފައިނެތްކަމަށް ...

ގައުމު ސްޓްރީޓް ކަޕް – މަންތަރައާއި ޒެފިޔާގެ ކުރިމަތިލުން އެއްވަރު

ގައުމު ސްޓްރީޓް ކަޕްގައި ހުޅުދޫ މަންތަރަ އެފްސީއާއި  އާއި ހިތަދޫ ޒެފިޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. ...