އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަތް ކަމަށް ބުނެ ދައްކާ ވާހަކައަކީ މި ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީއްކުޅުވަން އިންނަވަނިކޮށް ރައީސް ނަޝީދުގެ ފޯން ފޭރިގަނެފައިވާ ކަމަށް ބުނެ ފެތުރޭ ހަބަރާއި ގުޅުވައި، ރޮޒެއިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަތަރު ފޮޓޯ އަކާ އެކު ރައީސް ނަޝީދުގެ ފޯން ޖަހައިގަތުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ. އަދި ރޭ ކުނޫޒު ކައިރިން ޖަހައިގަތީ އެ ފޮޓޯތައް ރައީސް ނަޝީދަށް ފޮނުވި މީހާގެ ފޯނުތޯ ވެސް ރޮޒެއިނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.
މިފަދަ ވާހަކަތައް ދައްކާއިރު ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ވާހަކަތައް ދެއްކުމުން ގަބޫލުކުރަން ވެސް ފަސޭހަ ވާނެކަމަށް ރޮޒޭއިނާ ވިދާޅުވި އެވެ.
”ހަތަރު ފޮޓޯ އާ އެކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިޔުންމީ ގަރުނުގެ އެންމެ ބޮޑު ޖޯކު. ތި ފޮޓޯ ފޮނުވި މީހާގެ ފޯނުތަ އަނެއްކާ މިރޭ ކުނޫޒު ކައިރިން ޖަހައިގަތީ؟“
އާންމުކޮށް ރައީސް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާ މެންބަރު ރޮޒެއިނާ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފޯނު ޖަހައިގެން ފައި ވަނީ އެމަނިކުފާނުގެ ދަރިކަލުންނާ އެކު އިނގިރޭސި ވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީކުޅުއްވަން އިންނަވަނިކޮށް ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން އީވާ ވަނީ މިކަން މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ އިދާރީ ބޭފުޅުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. ނާޝިދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައިވާ ކަމަށް އީވާ މަޖިލީސް ގްރޫޕްގައި ވިދާޅުވުމުން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެމަނިކުފާނު މަޖިލީސް ވަޓްސްއެޕް ގްރޫޕުން ރިމޫވް ކޮށްފަ އެވެ.
ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.
ކޮމެންޓްސް (0)