އައްޑޫސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލް ހޯއްދެވުމަށް އައްޑޫ ސިޓީކައުންސިލަށް ވަޑއިގަތުމަށް މޭޔަރު ޢަލީ ނިޒާރު، މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސްއަށް ދަޢުވަތު އަރުއްވައިފިއެވެ.
އައްޑޫގައި ހިންގަމުން އަންނަ މަޝްރޫޢުތަކުގެ ތަފްސީލް ހޯއްދެވުމަށް ސަޢީދަށް ދައުވަތު އަރުއްވާފައިމިވަނީ، އައްޑޫ ސިޓީގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވި 60 ޕްރޮޖެކްޓް ކުރިއަށްދަނީ އައްޑޫ ސިޓީގެ ކޮންތާކުކަމެއް ހޯދާ ހޯދާ ނުފެނުނުކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
ސަޢީދުއަށް ރައްދުދެއްވައި އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، އައްޑޫގައި ހިންގަމުން އަންނަ މަޝްރޫޢުތަކުގެ ނުވަތަ މަސައްކަތްތަކުގެ ޢަދަދު 60އެއް ނޫންކަމަށެވެ. އެ ޢަދަދު 70އަށް އަރާކަމަށާއި، އޭގެ ތަފްސީލް ހޯއްދެވުމަށް އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވާކަމަށެވެ.
އައްޑޫ ސިޓީއަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުންދާ ދަތުރުގައި، އެސިޓީގެ ރަށްތަކަށް ޕްރޮގްރެސިވް ކޯލިޝަންގެ ޓީމުން ދަނީ ޒިޔާރަތްކުރަމުންނެވެ. މިދަތުރުގައި އެކޯލިޝަނަށް އެންމެ ބޮޑަށް ލިބެމުންދާ ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމުގެ ވާހަކައެވެ.
އައްޑޫ ސިޓީގައި ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާކަމަށް ރައީސް ޞާލިހު ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ސައީދު ވިދާޅުވީ މުޅި ސިޓީގައި ދަތުރުކުރި އިރުވެސް އައްޑޫ ސިޓީގައި ހިނގާކަމަށް ވިދާޅުވި 60 ޕްރޮޖެކްޓް ހިނގާތަނެއް ނުފެނުނުކަމަށެވެ. ސަރުކާރުން އައްޑޫ ސިޓީއަށް ވަޢުދުވި ކަންކަމުގެ ތެރޭގައި ހިމެނޭ އެއްވެސް ވައުދެއް މުފެއްދި ބަޖެޓްގައި ޖެހި ފައިސާތަކަށާއި، ތަރައްޤީގެ ކަންކަން ކުރުމަށް ކަމަށްބުނެ އިންޑިއާއިން ނެގިހާ ލޯނުތަކަށް ކުރަނީ ކީއްތޯ ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.
މަނިކުފާނު އައްޑޫ ސިޓީކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތު އަރުވަން. އައްޑޫގައި ހިންގަމުން އަންނަ މަޝްރޫޢުތަކުގެ ނުވަތަ މަސައްކަތްތަކުގެ ޢަދަދަކީ 60 އެއް ނޫން. އެ ޢަދަދު 70 އަށް އަރާ. އޭގެ ތަފްސީލް ހޯއްދެވުމަށް އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގެންނެވުމުން ޑީޓެއިލްސް ޕްރެޒެންޓޭޝަނެއް އަރުވާން
މޭޔަރު ނިޒާރު ވިދާޅުވި
އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންނާއެކު މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ އައްޑޫސިޓީއަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާތީ ސަރުކާރުން އެ ސިޓީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެކަމުގައެވެ.
އެގޮތުން މަގުހެދުމާއި ނަރުދަމާ ނިޒާމާއި އަދި ވިޔަފާރި ބަދަރާއި ޞިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާއާ އަދި މި ނޫންވެސް ސިޓީގެ އިޤްތިޞާދީ އިޖްތިމާޢީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓްސް (0)