ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ކުރިން ހިންގަމުން އައި ދަސްވާރު ޕްރޮގްރާމްގެ ބަދަލުގައި “ހޭވައްލާ”ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި ފަށައިފި އެވެ.
ރ. އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ ހަ އަހަރު ކުރިން 2014 ގައި ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލީ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެކަށީގެންވާ ގޮތަށް އެ ޕްރޮގްރާމް ހިންގާފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށެވެ. އަދި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ 20 ސްކޫލެއްގައި ފެށި ހޭވައްލާ ޕްރޮގްރާމުގައި 250 ދަރިވަރުން މިހާތަނަށް ބައިވެރިވެފައިވެ އެވެ
މަސައްކަތްތެރި ޖީލެއް އުފެއްދުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، މި ކަމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ސާނަވީ ތައުލީމު ނިންމުމަށް ފަހު މަތީ ސާނަވީ ތައުލީމު ފެށުމުގެ ކުރިން ދަރިވަރުންނަށް ލިބޭ ހަތަރު މަސް ދުވަހުގައި މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެކި ހުނަރުތައް ދަސްކޮށްދޭނެ އެވެ. އޭގެ ތެރޭގައި، ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުން ހިމެނެ އެވެ.
މީގެ އިތުރުން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތާއި އެހެނިހެން ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.
ކޮމެންޓްސް (0)