ރަށްޔިތުންގެ ތާއީދާއެކު މީދޫދާއިރާގެ ގޮޑި ކާމިޔާބުކުރެވިއްޖެނަމަ މީދޫ ރަށްޔިތުން އެދިވަޑައިގަންނަވާފަދަ ރަށަކަށް މީދޫ ހެދުމަށްޓަކައި ކަމާއިބެހޭ ހުރިހާ ފަރާތްތަކާއިގުޅިގެން މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ސޯލިހާ ވިދާޅުވެއްޖެވެ.
ސޯލިހާ މިހެންވިދާޅުވީ ޕީޕީއެމްގެ ފަރާތުން ހުޅުދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ސޯލިހާ ވިދާޅުވީ ރަށްޔިތުން ބޭނުންވާ ތަރައްގީއާއި ކުރިއެރުން ރަށަށް ހޯދައިދެވޭނީ ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރާއެކު މަސައްކަތްކޮށްގެންކަމަށް ގަބޫލް ކުރައްވާކަމަށާ އެހެންކަމުން އައްޑޫސިޓީ ކައުންސިލް މީދޫދާއިރާގެ ގޮޑިއަށް ރަށްޔިތުން ސޯލިހާ ހޮއްވަވައިދެއްވައިފިނަމަ ރަށްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ގުޅެންޖެހޭ ކޮންމެ ފަރާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.
” އައްޑުއަތޮޅުގެ ރަށްތައް ތަރައްގީކުރެވޭނީ އިގްތިސާދީގޮތުން ގިނަ ފުރުސަތުތަކެއް ހުޅިވިގެން ، އެހެންކަމުން ރަށުގެ ރަށްޔިތުންގެ ފުދުން ތެރިކަން އިތުރުކުރުމަށް ކައުންސިލްގައި އަޅުގަޑު މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވަން ، އަދި ހެރަތެރެ ރިސޯޓާއި އިސްމެހެލާ ހެރަ ރިސޯޓުން އަތޮޅުގެ ރަށްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް މިހާރަށްވުރެ ބޮޑަށް ތަނަވަސްކޮށްދެވޭތޯ ކައުންސިލްގެ ތެރެއިން ކުރެވެންހުރި މަސައްކަތްތައްކޮށް ފަތުރުވެރިކަމުގެ ނަފާ މީދޫ ރަށްޔިތުންނަށް އަދި އައްޑުއަތޮޅުގެ ރަށްޔިތުންނަށް އެންމެ ފުޅާދާއިރާގައި ހޯދައިދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވަން ، ” ސޯލިހާ ވިދާޅުވިއެވެ.
މީދޫއަކީ ދަނޑުވެރިކަމުގެ މައްޗަށް ގިނަ ރަށްޔިތުންގެ އިގްތިސޯދު ބިނާވެފައިވާރަށެއްކަމަށާ ، އެހެންކަމުން ރަށުގެ ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްގެ ތެރޭގައި މަސައްކަތްކޮށް މީދޫގެ ދަނޑުވެރީންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރައްވާނެކަމަށްވެސް ސޯލިހާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުން ސޯލިހާ މީދޫދާއިރާއަށް ވާދަކުރައްވާއިރު އެމްޑީޕީގެ ޓިކެޓްގައި މީދޫ ދާއިރާއަށް ވާދަކުރައްވަނީ ޝޫޒާއެވެ. އަދި އަމިއްލަ ގޮތުން ރަޝީދާ މީދޫ ދާއިރާގެ ގޮޑިއަށް ކުރި މަތި ލައްވައިގެން މިހާރު ދަނީ ކެމްޕެއިން ކުރަމުންނެވެ.
ކޮމެންޓްސް (0)