ފެނަކަ ކޯޕަރޭޝަނުން ފެނުގެ ޚިދުމަތް ދެމުންއަންނަ ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް މަހުންމަހަށް ނަގަމުން އަންނަ 30 ރުފިޔާ ކަނޑާލުމަށްއެދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯ އެކުލަވާލުމަށް ޓަކައި، ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި، ފެނުގެ ހިދުމަތް ގުޅާފައި އެހެން ނަމަވެސް ފެން ބޭނުން ނުކުރާ ގޭގެއިންވެސް މެދު ނުކެނޑި ފެންމީޓަރަށް 30 ރުފިޔާ ނަގަމުން ގެންދާކަން ފާހަގަ ކުރައްވައި އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ދެއްކެވި ވާހަފުޅަށް ޖަވާބް ދެއްވަމުންނެވެ.
ސޯބެ ދެއްކެވި ވާހަކަފުޅަށް ޖަވާބް ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލު ވުމަށްފަހު އެ 30 ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ 30 ރުފިޔާ ނުނެގުމަށް ފެނެކައިގެ ބޯޑުން މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ނިންމައި އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ކޮމެންޓްސް (0)