ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފި އެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ބެޑްމިންޓަނުން ރާއްޖެ އަށް ލިބުނު ދެ ވަނަ ރަން މެޑަލެވެ. ފުރަތަމަ ރަން މެޑަލް ހޯދީ މި އަހަރު ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުން ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އަތުންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 21-16، 21-19 އިންނެވެ. ގައުމީ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޒަޔާނާއި ނަބާހާގެ ޕެއާ އަކީ މިކްސް ޑަބަލްސްގައި މި ވަގުތު ރާއްޖޭގެ އެއް ވަނަ ޕެއާ އެވެ.
މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އެހެންވެ ޒަޔާނާއި ނަބާހާ ރާއްޖޭގެ ބެޑްމިންޓަނަށް މި ހޯދައިދިނީ ތާރީހީ ކާމިޔާބެކެވެ.
ކޮމެންޓްސް (0)