(23 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ )
ނިންމުން:
މަތީގައި ބަލައިލެވިފައިވާ ދިރާސާ ލިއުންތަކުން ހާމަވާ ގޮތުގައި ކޭ – 12 ސްކޫލު ކާމިޔާބުކޮށްދެނީ އެތަކެއް ބަހާއެއް ގުޅިގެން ކަމަށް ވެފައި އެއީ ކޮންމެ ޖީލެއްގެ ދަރިވަރުންނާ އެކު ބަދަލުވަމުންދާ ކަންކަމަށް ވުމުން ކާމިޔާބު ވަނީ މިވެނި ކަންތަކަކުންނޭ ބުނެވެން ނެތެވެ. އެހެންނަމަވެސް ސްކޫލެއް ކާމިޔާބުވުމަށް ފަހަތުގައި މިވާ 5 ބަހާ ކޮންމެހެން ހުންނަންޖެހެއެވެ:
- ފެންވަރު ރަގަޅު ލީޑަރޝިޕްއެއް
- ދަރިވަރުންނާއި މުދައްރިސުންނާއި މެދު މަތީ އުންމީދުތަކެއް ކުރެވުން
- ދަރިވަރުންގެ ނަތީޖާއާއި ތަރައްޤީ ވަޒަންކޮށް އޭގެ އަލީގައި ކަންކަން ރަނގަޅުކުރަމުން ދިއުން
- ލަނޑުދަނޑިއާއި މިސްރާބު އޮތުން
- ސްކޫލު އިންތިޒާމުކުރެވިފައިވާ ވަރާއި ރައްކާތެރިކަންހުރި މިންވަރު
މިބަޔާންކުރި ބަހާތަކާއި މީގެ އިތުރަށް ވެސް ހުރި ތަޢްލީމީ ކާމިޔާބީއަށް ހިއްޞާކުރާ ބަހާތަކަކީ ވަކި މޮޑެލެއްގެ ސްކޫލަކަށް ޚާއްޞަ ކަންކަމެއް ނޫނެވެ. ކޮންމެ މޮޑެލެއްގެ ސްކޫލެއްގައި ވެސް މިބަހާތައް ހުރެދާނެއެވެ. އަދި އެ ސްކޫލެއް ކާމިޔާބީގެ ހަރުފަތުން މައްޗަށް އުފުލަފާނެއެވެ. ތަޢްލީމުގެ އެކި މަރުހަލާތަކަށް ވަކި ސްކޫލުތައް ހިމެނޭ ގޮތަށް ތައްލީމީ ނިޒާމު ބައްޓަން ކޮށް ހިންގަމުންދާ ފިންލޭންޑް، ސްވިޒަރލޭންޑް، ނެދަރލޭންޑް، ބެލްޖިއަމް، ސިންގަޕޯރ ފަދަ ދުނިޔޭގެ ތަޢްލީމީ ރޭންކުގެ އެންމެ ކުރީގައި ހުރި ޤައުމުތަކުން އެކަން އެވަނީ ޘާބިތުކޮށް ދީފައެވެ. މިކަމުން އެނގޭ ކަމަކީ ތަޢްލީމީ ކާމިޔާބީ ހޯދަން ކޭ -12ގެ މޮޑެލަށް ސްކޫލު ބަދަލުކުރަން ކޮންމެހެން ނުޖެހޭ ކަމެވެ. މިޔާއެކު ފާހަގަކޮށްލަން ޖެހޭ އިތުރު ކަމަކީ ކޭ – 12ގެ މޮޑެލަށް ސްކޫލެއް ބައްޓަން ކުރުމަކީ އެ ސްކޫލެއްގައި ތައްލީމީ ކާމިޔާބީއަށް މަގުފަހިކޮށްދޭ ބަހާތައް ފުރިހަމަވެ، ތަޢްލީމީ ކުރިބޯއްޓަށް އެ ސްކޫލަކަށް ވާޞިލުވެވޭނެކަން ޔަޤީންވާ ކަމެއް ވެސް ނޫންކަމެވެ .
މިޔާއެކު ވެސް މަތީގައި ނަކަލުކޮށްފައި އެވާ ދިރާސާ ލިއުންތަކުން ކޭ -12ގެ ސްކޫލުތަކަކީ ސްކޫލު ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ކާމިޔާބު ސްކޫލް މޮޑެލްއެއް ކަމާއި މެދު ޝައްކު ނުއުފެދޭ ވަރަށް އެކަން ޤާއިމުވެފައިވާކަން ފާހަގަކުރަމެވެ. އެހެންނަމަވެސް ނޯޓްކުރަންޖެހޭ ކަމަކީ އެ ކާމިޔާބީއަކީ އެ މޮޑެލްގެ ޒާތާއި ގުޅިފައިވާ ކަމެއް ނޫންކަމެވެ. އެކަން ގުޅިފައިވަނީ ކޭ -12ގެ ސްކޫލުތަކުގައި ހުންނަ އުނގެނުމަށް މަގުފަހިކޮށްދޭ ބަހާތަކަކާއެވެ. އެއިން އެއް ބަހާއަކީ އަދި އެންމެ މުހިންމު ވެސް ބަހާއަކީ ސްކޫލުގެ އާބާދީ ކުޑަވުމެވެ. ޢާންމުގޮތެއްގައި ޔޫއެސްއޭގައި ކޭ- 12 މޮޑެލްގެ ސްކޫލުތައް ޤާއިމުކޮށްފައި ހުރީ ރަށްފުށުގެ ކުޑަ މުޖްތަމަޢުތަކުގައެވެ. އެހެންކަމުން އެ ސްކޫލުތަކުގައި އޮންނަނީ ނިސްބަތުން ކުޑަ އާބާދީއެކެވެ. އެ މޮޑެލް ކާމިޔާބުވުމަށް މަގުފަހިވާ އެންމެ އަސާސީ ބަހާއަކީ މި ބަޔާންކުރި ފަދައިން އާބާދީ ކުޑަވުމެވެ. ސްކޫލުގެ އާބާދީ ކުޑަވުމުން ކުދީންނަށް ލިބޭ ކާމީޔާބީ އިތުރުވާކަމަށް މަތީގައި ބަލައިލެވިފައިވާ ހުރިހާ ދިރާސާ ރިޕޯޓެއް އިއްތިފާޤުވެއެވެ. އެހެން ވަނީ އާބަދީ ކުޑަވުމުން ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް އޮންނަ ފުރުޞަތު އިތުރުވެ، ކުރިމަތިވާ އަޚްލާޤީ މައްސަލަތައް މަދުވެ، ސްކޫލުގައި ކުދީންނަށް އޮންނަ ރައްކާތެރިކަން ބޮޑުވާތީއެވެ. އަދި ދަރިވަރުންނާއި، އެކުދީންގެ މައިންބަފައިންނާއި ޓީޗަރުންގެ މެދުގައި ފެންވަރު ރަނގަޅު ބިނާކުރުވަނިވި ގުޅުމާއި އިތުބާރު އުފެދޭތީ އާއި މުދައްރިސުންނަށް ހިތްހަމަޖެހިގެން މަސައްކަތް ކުރުމަށް އޮންނަ ފުރުޞަތު ތަނަވަސްވުން ފަދަ ކަންތަކުގެ ސަބަބުން ވެސް މެއެވެ.
ސްކޫލުގެ އާބާދީ ކުޑަވުމުން ދަރިވަރުންނަށް ލިބޭ ކާމިޔާބީ ރަނގަޅުވާކަން ދިރާސާތަކުން ޤާއިމުކުރެވުމާއި ގުޅިގެން ޔޫއެސްއޭގައި ހުރި އާބާދީ ބޮޑެތި ބައެއް ސްކޫލުތަކުގެ ބަދަލުގައި ކުދި ސްކޫލުތައް ޤާއިމުކުރަމުންދާ ދިއުމާއި ފްލޮރިޑާ ސްޓޭޓުން ސްކޫލެއްގައި އެންމެ ގިނަވެގެން ގެންގުޅެވޭނެ ކުދީންގެ ލިމިޓެއް ޤާނޫނަކުން މިހާރު ކަނޑައަޅާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ބޮޑެތި ފީ ނަގައިގެން ފައިސާވެރީންގެ ދަރީންނަށް ހިންގާ ޕްރައިވެޓް ސްކޫލުތަކުގައި ގިނަ ކުދީން ނުގެންގުޅޭކަމީ ވެސް އާބާދީ ކުޑަވުމުން ކުދީންނަށް ރަނގަޅު ނަތީޖާ ހޯދޭ ކަމަށް ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރާކަން ހާމަވާ ކަމެކެވެ. އެއް ކޮށްޓެއްގައި ހުރި މަޖީދިއްޔާ ސްކޫލް ދެބައިކޮށް، ދަރުމަވަންތަ ސްކޫލުގެ ނަމުގައި އައު ސްކޫލެއް އުފެއްދުމުގެ ފަހަތުގައި ވާ ވިސްނުމަކީ ވެސް އާބާދީ ބޮޑުވުމުން ސްކޫލުގެ ކާމިޔާބީ އަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތައް ގިރާކޮށް ކާމިޔާބީގެ މަގަށް މަޖީދިއްޔާ ސްކޫލު އެޅުވުމެވެ.
މިމައުޒޫޢަށް އަޅުގަނޑުމެންގެ ފިކުރު ހިންގާއިރު ފޯކަސްއަށް ނާރަން އުޅޭ ވަރަށް ބޮޑު ހަޤީޤަތެއް ސަމާލުކަމަށް ގެންނަމެވެ. އެއީ މިރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކިތަންމެ މޮޅުކަމަށް ބަލައިގަނެވިފައިވާ ސްކޫލެއްގައި ކިޔަވާ ކުއްޖެއްގެ މައިންބަފައިންނަކަށް ވެސް އެ ސްކޫލަކުން އެކަނި އެކުއްޖާގެ ކުރިމަގަށް ބޭނުންވާ މޮޅު ތަޢްލީމު ފުރިހަމަކޮށްދެވިދާނެކަމަށް ގަބޫލުނުކުރެވޭ ކަމެވެ. މިކަން ހާމަވަނީ ކުދީން ޓިވިޝަނަށް ފޮނުވަން ކުރާ ބޮޑު ހޭދައިންނާއި އުފުލާ ބޮޑު ބުރައިންނެވެ. ދަރީންނަށް ޓިވިޝަން ހޯދައިދިނުމުގައި ވެސް ތަނަވަސްކަމުގެ އަހުލުވެރިންނަށް ކުއްޖާ ޓިވިޝަން ކުލާހަކަށް ފޮނުވަން ހިތްހަމަޖެހޭ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ކުއްޖާއަށް އެހެން ކުދީންނާއި ވަކިން ޓިވިޝަން ދެވޭނެ އިންތިޒާމެއް ހަމަޖައްސަން އިސްކަން ދެވޭ ތަނެވެ. އެ ގޮތަށް ހަމަޖައްސަން ދަތިވާ ހާލަތުގައި ވެސް ޓިވިޝަން ކުލާހަކަށް ފޮނުވުމުގެ ބަދަލުގައި އިސްކަން ދެވެނީ ކުޑަ ޓިވިޝަން ގްރޫޕެއްގެ ތެރެއިން އެކަންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ބެލެނިވެރީންގެ ކިބައިން ފެންނަ މިޢަމަލުގެ ފަހަތުގައި ހުރީ ކުއްޖަކަށް އުނގަންނައި ދިނުމަށް އެންމެ ރަނގަޅީ މުދައްރިސުގެ ސަމާލުކަމާއި ސަޕޯޓް ވީހާ ބޮޑަކަށް ލިބޭ ގޮތަށް އިންތިޒާމުކުރެވިފައިވާ ވެށްޓެއް ކަމާއި، އެފަދަ ވެށްޓަކަށް ބޮޑަށް މަގުފަހިވާނީ އެވެށްޓެއްގައި އެއްފަހަރާ ކިޔަވަންތިބޭ ކުދީންގެ ޢަދަދަ މަދުވީ ވަރަކަށް ކަމަށް ޤަބޫލުކުރެވޭ ޤަބޫލުކުރުން ފިޔަވައި އެހެން ކޮން ބާރެއްތޯއެވެ؟ މިޔާއެކު އުފެދޭ އިތުރު ސުވާލެއް ވެސް ނޯޓްކޮށްލާނަމެވެ. އަޅުގަނޑުމެންގެ ސިކުނޑީގެ ފަހަތުގައި ފޮރުވުފައި ހުރި މިޤަބޫލުކުރުމާއި މުޅީން އިދިކޮޅު ވިސްނުމެއް ކަމުގައިވާ އާބާދީ ބޮޑު ސްކޫލަކުން ކުދީންނަށް ހުޅުވޭ އުނގެނުމުގެ ވެށި އާބާދީ ކުޑަ ސްކޫލަކުން ތަނަވަސްވާ ވެށްޓަށް ވުރެ އުނގެނުމަށް ފަހިވާނެ ކަމަށް ފެންނަ ފެނުމުގައި އެކުލެވޭ އަރަތުގެ ހައްލަކީ ކޮބައިތޯއެވެ؟
ސްކޫލެއްގެ އާބާދީގެ އެންމެ ހެޔޮމިންވަރަކީ ކޮބައިކަމަށް ބަލާ އިރު ސްކޫލު ވެށި އުނގެނުމަށް ބޮޑަށް ފަހިކުރަން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން ޔޫއެސްއޭގެ ހައި ސްކޫލުތައް 400 ކުދީންނަށް ވުރެ އިތުރުނުވާ ގޮތަށް ބައްޓަން ކުރަމުންދާ ދިއުމަކީ އެޢަދަދަކީ ހައި ސްކޫލެއްގައި އޮންނަން އެންމެ ހެޔޮވަރު އާބާދީކަމަށް ދިރާސާތަކުން ފެނިގެން ކުރެވޭ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން އެއީ ޘާނަވީ ސްކޫލުތަކަށް އެކަށީގެން ވާ ރަނގަޅު އަދަދެއް ކަމަށް ބެލެވިދާނެއެވެ. ދިރާސާ ލިއުންތަކުގައި ޕްރައިމަރީ ސްކޫލުތަކުގެ އާބާދީ ހައި ސްކޫލުތަކުގެ އާބާދީއަށް ވުރެ ކުޑަވާގޮތަށް ބައްޓަންކުރަން ލަފާދެވިފައިވެއެވެ. އެހެންކަމުން ޕްރައިމަރީ ސްކޫލުތަކަށް މުނާސަބު ވާނީ 400 އަށްވުރެ ކުޑަ އާބާދީއެއް ކަމަށް ބަލަންޖެހެއެވެ. ސްކޫލުތަކުގެ އާބާދީ ކުޑަކުރުމަކީ ފަޤީރުކަމުން ދަރިވަރުންގެ ކާމިޔާބީއަށް ކުރިމަތިވާ ހުރަސްތައް ކުޑަކުރަން ކުރަންޖެހޭ ކަމަކަށް ވާތީ މުޖްތަމަޢުގެ ފަޤީރުކަން ބޮޑުވާ ނިސްބަތުން ސްކޫލުގެ އާބާދީ އިތުރަށް ކުޑަކުރަންޖެހޭ ކަމަށް ދިރާސީ ލިއުންތަކުގައި ލަފާދެވިފައިވެއެވެ. މިމިންގަނޑުން ސްކޫލުތަކުގެ އާބާދީ ހަމަޖައްސަން ބަލާއިރު ހަވާލާ ދެވިފައިވާ ދިރާސާތަކަކީ ޔޫއެސްއޭގެ ސްކޫލުތަކުގެ މައްޗަށް ކުރެވިފައިވާ ދިރާސާތައް ކަމަށް ވެފައި، އެއީ ދިވެހިރާއްޖޭގެ ނިސްބަތުން ވަރަށް މުއްސަނދި ޤައުމެއްކަމުން މިރާއްޖޭގެ ރަށްފުށުގެ ސްކޫލުތަކަށް އެންމެ މުނާސަބު އާބާދީ 400 އަށް ވުރެން ބޮޑުތަނުން ކުޑަވާންޖެހޭ ކަމަށް ޤަބޫލުކުރެވެއެވެ.
ދަރިވަރުންނަށް ރަނގަޅު ތަޢްލީމީ ނަތީޖާ ލިބޭނެ މަގުފަހިކުރަން ޔޫއެސްއޭގައި ކުދި އާބާދީ އޮންނަ ގޮތަށް ސްކޫލުތައް ބައްޓަން ކުރަމުން ދާ މިދުވަސްވަރު ދަރިވަރުންނަށް އުނގެނުމަށް ފަހި މާހައުލެއް ހޯއްދަވައިދެއްވުމަށް ކަމަށް ވިދާޅުވެ އެޑިޔުކޭޝަން މިނިސްޓްރީ އިން ކޭ – 12 އަށް ކިޔަވައިދޭ ސްކޫލަކަށް ހުޅުމީދޫގައި ހުންނާނީ ސ.އަތޮޅު މަދަރުސާ ކަމަށް ހަމަޖެއްސެވި ހަމަޖެއްސުން ތަންފީޒުކުރަން ފަށާ 2020ގައި އެ މަދަރުސާގައި 800 ވަރަކަށް ދަރިވަރުންގެ އާބާދީއެއް އޮންނާނެ ކަމަށް ލަފާކުރެވެއެވެ. އެމިނިސްޓްރީ އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުކަމަށް ވާ 2018ގެ ތަފާސް ހިސާބު ދައްކާ ގޮތުން ހުޅުމީދޫ ސްކޫލުތަކުގެ ކޭ -12 އަށް ހުރި ކުލާސްތަކުގައި އެ އަހަރު ރަޖިސްޓްރީކުރެވިފައިވާ ދަރިވަރުންގެ ޢަދަދަކީ 723 އެވެ. ރަށުގެ އާބާދީ އިތުރުވާ ނިސްބަތަށް ބަލާއިރު 2020 އަށް ދާއިރު އާބަދީއަށް އެ އުމުރުފުރާގެ 80 ވަރަކަށް ކުދީން އިތުރުވެ އެ ކުލާސްތަކުގައި ކިޔަވާކުދިންގެ ޢަދަދު 800 އާއި ކައިރި ކުރާނެކަމަށް ބެލެވެއެވެ. މިއީ ޔޫއެސްއޭގައި އަލަށް ޤާއިމުކުރަމުން މިދާ އުނގެނުމަށް ފަހި ހައި ސްކޫލުތަކަށް މުނާސަބު އާބާދީ ކަމަށް އެތާގެ ތަޢްލީމީ އޮތޯރިޓީން ދެކޭ 400 ކުދީންގެ އާބާދީގެ 2 ގުނަ ބޮޑު އަދަދެކެވެ. ޕްރައިމަރީ އިން ފެށިގެން ދަށުގެ ކުދީންނަށް ކިޔަވައިދޭ ސްކޫލުތަކަށް މުނާސަބު އާބާދީ ހައިސްކޫލުތަކުގެ އާބާދީއަށް ވުރެ ކުޑަ ވާންޖެހޭ ކަމަށް ދެވިފައިވާ ދިރާސީ ރިކޮމެންޑޭޝަންތަކުގެ މިންގަނޑުން ބަލާއިރު ސ. އަތޮޅު މަދަރުސާގައި 2020ގައި އޮންނާނެ އާބާދީ ކޭޖީ އަދި ޕްރައިމަރީ ކުދީން އުނގެނުމަށް ފަހި ތަޢްލީމީ ވެށްޓަކަށް މުނާސަބު އާބާދީގެ ތިން ހަތަރު ގުނަ ވަރުވާނެ ކަމަށް ބެލެވެއެވެ.
ސްކޫލުތަކުގެ ކޭ -12 މޮޑެލްގެ ކާމިޔާބީ އަށް މަގުފަހިވާ އިތުރު ކަންތަކަށް ބަލާއިރު ދިރާސާއިން ފެންނަ މުހިންމު އަނެއް ބަހާއަކީ އެއް މަރުހަލާއިން އަނެއް މަރުހަލާ އަށް ބަދަލުވާ އިރު ސްކޫލު ބަދަލުކުރަން ނުޖެހުމެވެ. ސްކޫލު ބަދަލުވުމަކީ ކިޔަވަން އެކުގައި އުޅެންޖެހޭ ކުދީންނާއި މުދައްރިސުން އަދި ސްކޫލު ކެމްޕަސްގެ ގޮތުން ކުދީންނަށް މުޅިން އައު، ބީރައްޓެހި ތަޖްރިބާތަކެއް ކުރިމަތިކުރުވާ ކަމެކެވެ. މިކަން ބައެއް ދަރިވަރުންނަށް ހާސްކުރުވަނިވި ކަމަކަށް ވެއެވެ. ބައެއް ދިރާސާތަކުން ފެނިފައިވާ ގޮތުގައި މިކަމުގެ ސަބަބުން ކުރީ މަރުހަލާގައި ހޯދިފައި ހުންނަ ކާމިޔާބީ ނިއުޓްރަލްވެ އަދި ބައެއް ފަހަރު ކުޑަވެސް ވެދެއެވެ. އެހެންނަމަވެސް ބައެއް ދިރާސާތަކުން ފެނިފައިވާ ގޮތުގައި ސްކޫލު ބަދަލުކުރަން ޖެހުމަކީ އެ ބުނާވަރުގެ މައްސަލައެއް ކުރިމަތިވާ ކަމެއް ނޫނެވެ. ދިރާސާއިން ހާމަވެފައިވާ ފުށުއަރާ މިދެހޯދުމުގެ އަލީގައި މިކަމަށް ވިސްނުން ހިންގާ އިރު އަޅުގަނޑުމެންގެ މިދެރަށުގެ ތަޢްލީމީ ވެށި ބައްޓަންކުރެވިފައިވާ ގޮތުން ސްކޫލު ބަދަލުކުރަންޖެހޭ ޖެހުން ދަރިވަރުންނަށް ގެއްލުންވެދާ ފަދަ ހާސްކުރުވަނިވި ކަމަކަށް ވެދާނެ ކަމަށް ބެލެވޭނެ ތަނެއް ނުފެނެއެވެ. އެހެނީ ޕްރައިމަރީ ސްކޫލުން އަތޮޅު މަދަރުސާއަށް ދަރިވަރުން ބަދަލުވާ އިރު އެތާނގައި ތިބޭނީއަކީ އެކުދީންނަށް ބީރައްޓެހި ކުދީންނެއް ނޫނެވެ. ކުރީން ފެނިދެނިވެފައި ތިބި ކުދީންނާއި، އެކުގައި ކިޔަވަން އުޅުނު ކުދީންނެވެ. ޓީޗަރުންގެ ވެސް ހުންނާނީ ދެނެ ފަރިތަ މޫނުތަކެކެވެ. ސްކޫލުގެ ޢިމާރާތް ވެސް އެފަދަ މެއެވެ. އެހެންކަމުން ކޭ – 12ގެ ސްކޫލަކުން ދަރިވަރުންނަށް އޮންނަ ސްކޫލު ބަދަލުކުރަން ނުޖެހުމުގެ ފައިދާއެއް މިގެނެވޭ ބަދަލުން ލިބުމުގެ ފުރުޞަތު މިކުދީންނަށް އޮތް ކަމަށް ބަލާނެ ތަނެއް ނުފެނެއެވެ.
ކޭ- 12 ސްކޫލް މޮޑެލްގެ ކާމިޔާބީ އަށް މަގުފަހިވާ އަނެއް ބަހާއެއް ކަމަށް މި ދިރާސީ ލިއުންތަކުން ފެނުނީ ތަފާތު މަރުހަލާތަކުގެ ދަރިވަރުންގެ މެދުގަޔާއި ޓީޗަރުންނާއި ދަރިވަރުންނާއި އަދި ޓީޗަރުންނާއި ޓީޗަރުންގެ މެދުގައި އުފެދޭ ބިނާކުރުވަނިވި ގުޅުންތަކާއި، މަތީ މަރުހަލާތަކުގެ ކުދީން ދަށު މަރުހަލާތަކުގެ ކުދިންނަށް ގެންދާ މެންޓޯރިން ހަރަކާތްތައް ފަދަ ކަންތަކެވެ. ދިރާސާގައި ބަލާލެވިފައިވާ ޔޫއެސްއޭގެ ސްކޫލުތަކުގައި ހިނގާކަމަށް ދިރާސާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ މެންޓޯރިން ޕްރޮގްރާމުތަކާއި ތަފާތު މަރުހަލާތަކުގެ ޓީޗަރުންގެ މެދުގައި އޮންނަ ތަޖްރިބާ ހިއްޞާކޮށް، ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޘަޤާފަތް އަޅުގަނޑުމެންގެ މި ރާއްޖޭގެ ސްކޫލުތަކުގައި އަށަގެންފައި އޮތްތަނެއް އަދި ނުފެނެއެވެ. އެހެންކަމުން ޔޫއެސްއޭގެ ސްކޫލުތަކުން ފެނުނު އެފެނުންތައް އަޅުގަނޑުމެންގެ މިސްކޫލުތަކަށް ޢާންމުކުރެވިދާނެ ކަމާއި މެދު ސުވާލުތަކެއް އުފެދެއެވެ. އޭގެ އިތުރަށް މިގެނެވޭ ބަދަލުން ސްކޫލުގެ އާބާދީ އެކަށީގެންވާ ވަރަށް ވުރެ ބޮޑުވާނެތީ މިއުފެދޭ ކޭ – 12ގެ ސްކޫލުން ބިނާކުރަނިވި ގުޅުންތަކުގެ ރޮގުން އެއްވެސް ފައިދާއެއް ކޮށްފާނެކަމާއި މެދު ސުވާލު އުފެދެއެވެ.
ކޭ -12 ސްކޫލަކުން ލިބޭނެކަމަށް ދިރާސާތަކުން ފެންނަ ބޮޑު އެއް ނަފާއަކީ ދަރިވަރަކަށް ހިނގާ ޚަރަދު ނިސްބަތުން ކުޑަވުމެވެ. ޔޫއެސްއޭގައި ކުރެވުނު ދިރާސާއަކުން ފެނުނުގޮތުގައި ތަފާތު މަރުހަލާއަށް ވަކި ސްކޫލް ހިންގުމުގެ ބަދަލުގައި ކޭ -12ގެ މޮޑެލަށް ސްކޫލު ހިންގުމުން ދަރިވަރަކަށް ހިނގާ ޚަރަދުން އަހަރަކު 1017 ޑޮލަރު ސަލާމަތްވެއެވެ. އެހެންކަމުން ކޭ – 12 ސްކޫލު މޮޑެލް އަށް ސ. އަތޮޅު މަދަރުސާ ބަދަލުކޮށް މިދެރަށުގެ ހުރިހާ ކިޔަވާކުދީން އެތަނަށް އަޅާލުމުން މިދެރަށުގެ ދަރިވަރުންނަށް ސަރުކާރުގެ ބަޖެޓުން މިހާރު ކުރާ ޚަރަދުން ބޮޑުބައެއް ސަލާމަތް ކުރެވޭނެކަން ޔަޤީނެވެ. މީގެ މިސާލަކީ 6 ކުދީން ތިބޭ ޢާއިލާއެއް ކުދީންނަށް ރަނގަޅު ތަޢްލީމީ ފުރުޞަތު ފަހިކޮށްދިނުމަށް މާލެއަށް ހިޖްރަކުރާ އިރު 4 ކޮޓަރީގެ ފްލެޓެއް ކުއްޔަށް ހިފައި، އެއްކޮޓަރި މައިންބަފައިންނަށް ބަހައްޓައ، އަނެއް 3 ކޮޓަރީގައި ކުދީން ބެއިތިއްބުމުގެ ބަދަލުގައި ދެ ކޮޓަރީގެ ފްލެޓެއް ނަގައި، އެއް ކޮޓަރިއެއްގައި ހުރިހާ ކުދީން ބެއިތިއްބުމުން ކުއްޖެއްގެ ބޮލަކަށް ކުރަންޖެހޭ ޚަރަދުން ގިނަ ފައިސާތަކެއް ސަލާމަތްވާ ގޮތެވެ. މިގޮތަށް ޚަރަދު ކުޑަކުރުމަކީ އެކުދީންނަށް އުނގެނުމަށް ފަހި ވެށްޓަކާއި ހިތްހަމަޖެހުމާއި ކާމިޔާބީ ތަނަވަސްކޮށްދިނުމަށް ކުރާކަމެއް ކަމަށް އެޢާއިލާއިން ބުނުމުން އެވާހަކަ ބަލައިގަނެވޭނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯއެވެ؟ އެކަމަކު ކުދީންގެ ތަޢްލީމަށް ކުރަންޖެހޭ ޚަރަދުކުޑަކުރުމަށް ހުޅުމީދޫގެ ތަޢްލީމީ ނިޒާމަށް މިގެނެވޭ ބަދަލަކީ ކިޔަވާ ކުދީންގެ ފައިދާއާއި ހިތްހަމަޖެހުމަށް ގެނެވޭ ބަދަލެއް ކަމަށް ތަޢްލީމީ ވުޒާރާއިން ވިދާޅުވުމުން އެވާހަކަ ބަލައިގަންނަތަން މިފެންނަނީ ކުޑަވެސް ފަސްޖެހުމެއް ނެތިއެވެ. މިކަން މިހެން އޮތް އިރު، ފާހަގަކުރެވޭ ކަމަކީ ހުށަހެޅިފައި އެވާ ތަޢްލީމީ ދިރާސާތަކުގެ މީޒާނުން ވަޒަންކުރުމުން ހުޅުމީދޫގެ ތަޢްލީމީ ނިޒާމަށް މިގެނެވޭ ބަދަލުން ދައުލަތުގެ މާލިއްޔަތަށް ގިނަ ފައިސާތަކެއް ސަލާމަތްވާނެކަން ޔަޤީންވުން ފިޔަވައި އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ފައިދާއެއް ކޮށްފާނެ ކަމުގެ އިހްތިމާލެއް ވެސް ފެންނަން ނެތް ކަމެވެ.
ނިންމާލަމުން ކިޔުންތެރީންގެ ވިސްނުމަށް މި ސުވާލު ދޫކޮށްލަމެވެ. ތަޢްލީމީ ކާމިޔާބީ އިތުރުކުރަން ޔޫއެސްއޭގައި ހުރި އާބާދީ ބޮޑެތި ސްކޫލުތައް ބައިކޮށް، ކުދި ސްކޫލުތަކަކަށް ބައްޓަން ކުރަމުންދާ މިދުވަސްވަރު އެ މަންޒިލަށް ވާސިލުވާން މިރާއްޖޭގައި ހުރި ކުދި ސްކޫލުތައް އެއްކޮށްލައިގެން އާބާދި ބޮޑު ސްކޫލުތައް އުފެއްދުމަށް ތަޢާރަފު ކުރި މި “ފޭސް އިން ޕޮލިސީ” އަކީ ޓައިމް ޒޯންގެ ތަފާތާއި ހުރެ މިރާއްޖޭގެ ރޭގަނޑު އެތާގެ ދުވާލާ ދިމާވުމުގެ ތެރެއިން އުފަންވި، ދެޤައުމުން އެއް މަންޒިލަކަށް ކުރާ ދަތުރަށް އިދިކޮޅު ކޯރސް ނެގުން ލާޒިމުކުރާ ސިޔާސަތެއްތޯއެވެ؟
އިތުރު މަޢްލޫމާތު: http://www.ruraledu.org/matthew.html.
ކޮމެންޓްސް (0)