ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ހުޅުދޫއާއި މީދުއަށް ކުރެއްވި މިދަތުރުފުޅަކީ އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުން ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޮޑަށް ގެއްލުން ލިބުނު ހުޅުދޫއާއި މީދޫގެ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވާ ލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އޮކްޓޯބަރމަހުގެ 11 ވަނަ ދުވަހުގެ ރެއިން ފެށިގެން މެދުކެނޑުމެއް ނެތި އައްޑުއަތޮޅަށް ކުރި ވިއްސާރާގައި ހުޅުދޫއާއި މީދޫއަށްވެސް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.
މިގޮތުން ހުޅުދޫއާއި މީދޫގެ 60 ގެއަކަށް ވަރަށް ބޮޑަށް ފެން ވަދެ ހިފާގެންގުޅޭ ތަކެއްޗާއި ފަރުރީޗަރުތަކަށްވެސް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ގޭބިސީތަކުގެ ނަރުދަމާގެ މައްސަލަ ޖެހި މަގުމަތީގައި ބަހައްޓާފައިހުރި ނަރުދަމާގެ ޖަންކުޝަންތަކުގައި ވެސް މައްސަލަޖެހުނެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ވިއްސާރައިގައި އައްޑޫސިޓީއަށް ލިބުނު ގެއްލުންތައް ބެއްލެވުމަށް ވަޑައިގެންފައިވާއިރު ރައީސުލްޖުމްހޫރިއްޔާވެސްވަނީ ވިއްސާރައިގައި އައްޑޫ ސިޓީގެ ރަށްޔިތުންނަށް ލިބުނު ގެއްލުން ބައްލަވާލައްވާފައެވެ.
ރައީސް ސޯލިހު އައްޑޫގެ ހާލަތު ބައްލަވާލައްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގަށް ފޯނުން ގުޅުއްވައެވެ. ރައީސް ވަނީ މޭޔަރަށް ގުޅުއްވައި ގެއްލުންވެފައިވާ ރައްޔިތުންގެ ހާލަތާއި، ބޯ ވިއްސާރާގައި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށާއި މިހާރު އެކަމާއި ގުޅިގެން އައްޑު ގައި ކަންކަން ކުރިއަށް ގެންދަވާގޮތް އޮޅުން ފިލުވާފައެވެ.
ކޮމެންޓްސް (0)