ފީފާ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ނުވަތަ ދަ ބެސްޓް މެންސް ޕްލޭޔާގެ އެވޯޑް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހާސިލްކޮށްފިއެވެ.

ރޭ އިޓަލީގެ މިލާނުގައި ކުރިއަށްދިޔަ ފީފާގެ އަހަރީ އެވޯޑު ނައިޓްގައި ދިން މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު މެސީ ހޯދީ މިއަހަރުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމް ހާސިލްކުރި ލިވަޕޫލަށްކުޅޭ ހޮލަންޑުގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާދަކުރުމަށްފަހު އެވެ.

އެންމެ މޮޅު ކޯޗް: ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޖާގަން ކްލޮފް

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ ވަނީ ނިމިގެންދިޔަ ސީޒަންގައި އޭނާ ކުޅުނު 49 މެޗުގައި 51 ލަނޑު ކާމިޔާބުކޮށް 19 އެސިސްޓް ކޮށްދީފަ އެވެ. ބާސާ އާއެކު ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ އިތުރުން ލީގުގެ ރަންބޫޓު ވެސް މެސީ ވަނީ ހާސިލްކޮށްފަ އެވެ. މީގެ އިތުރުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އަދި ކެރިއަރުގައި އޭނާ ހާސިލްކުރި 6 ވަނަ ޔޫރަޕިއަން ގޯލްޑެން ބޫޓާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަންބޫޓު ވެސް ގެންދިޔައީ މެސީ އެވެ.

ފީފާ ދަ ބެސްޓް އެވޯޑަށް މެސީ އާއި ވާދަކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވެންޑައިކް ވެސް ވަނީ ނިމިގެންދިޔަ ސީޒަންގައި ކްލަބް ލެވެލްގައި މޮޅު ކުޅުމެއް ދައްކައި ތަށިތައް ކާމިޔާބުކޮށްފަ އެވެ. އެގޮތުން ވެން ޑައިކް އަށް މިދިޔަ ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެކެވެ. ސީޒަންގައި ލިވަޕޫލުން ހޯދި ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ވެންޑައިކް އެވެ.

އެންމެ މޮޅު ގޯލްކީޕަރު: ބުރެޒިލްގެ އެލިސަން

އޭނާ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ އިތުރުން އިނގިރޭސި އެފްއޭ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފަ އެވެ. މީގެ އިތުރުން އެންމެ ފަހުން ބޭއްވި ޔުއެފާ އެވޯޑް ނައިޓްގައި މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލައި ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ވެސް އުފުލާލީ ވެން ޑައިކް އެވެ.

މިފަހަރުގެ ދަ ބެސްޓް އެވޯޑްގެ ތިންވަނަ މަގާމު ހޯދި ރޮނާލްޑޯ ވަނީ ނިމިގެންދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބުކޮށްފަ އެވެ. ގައުމީ ޖާޒީގައި އޭނާގެ ދެވަނަ ތަށި އުފުލާލުމުގެ އިތުރުން ޔުވެންޓަސް އާއެކު ސެރިއާ ލީގާއި ސުޕާ ކަޕް ވެސް ރޮނާލްޑޯ ކާމިޔާބުކުރި އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: މޭގަން ރެޕީނޯ

ފީފާ ދަ ބެސްޓް މެންސް ޕްލޭޔާ ހޮވާފައިވަނީ 16 ޖުލައި 2018 އިން 19 ޖުލައި 2019 އަށް ކުޅުންތެރިން ދައްކާފައިވާ ޕާފޯމެންސަށް ބަލައި ނޫސްވެރިންނާއި ފީފާގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރު ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން އާންމުންގެ ވޯޓު އެއްކޮށްލައިގެންނެވެ.

ރޭގެ ހަފުލާގައި ހޮވި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ލިވަޕޫލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބުރެޒިލްގެ އެލިސަން އެވެ. އެލިސަން ވަނީ މިދިޔައަހަރުގެ  ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމާއި ޔޫރަޕްގެ މޮޅު ކީޕަރުގެ މަގާމުގެ އިތުރުން ކޮޕަ އެމެރިކާގެ އެންމެ މޮޅު ކީޕަރުގެ މަގާމުވެސް ހޯދާފަ އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޖާގަން ކްލޮފް އެވެ. މި އެވޯޑަށް ކްލޮޕް ވާދަކުރީ ޓޮޓެންހަމްގެ މައުރީސިއޯ ޕޮޗެޓިނޯ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ ވޯލްޑް ކަޕް އެމެރިކާ އަށް ކާމިޔާބު ކޮށްދިނުމުގައި ތަފާތު ދެއްކި މޭގަން ރެޕީނޯ އެވެ. އެންމެ މޮޅު އަންހެން ކޯޗަކީ އެމެރިކާގެ ޖިމް އެލިސް އެވެ.

އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ ޑެބްރެޗެންގެ 18 އަހަރުގެ ކުޅުންތެރިޔާ ޑެނިއަލް ޒޯރީ އަށެވެ. އޭނާ ވާދަކުރީ މެސީ އާއި ރިވަ ޕްލޭޓްގެ ޖޮނަތަން ކުއިންޓޭރޯއާ އެވެ. ފެއާ ޕްލޭ އެވޯޑް ލިބުނީ މާސެލޯ ބިއެލްސާ އާއި އޭނާ ކޯޗުކޮށްދޭ ލީޑްސް ޔުނައިޓެޑަށެވެ. އެއީ މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕްގައި އެސްޓަން ވިލާއާ ދެކޮޅަށް ލީޑްސް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުމަތީގައި ވެއްޓިފައި އޮއްވައި ލީޑްސް އިން ލަނޑު ޖެހުމުން ބިއެލްސާ، އެސްޓަން ވިލާ އަށް ލަނޑެއް ޖަހަން ދޫކޮށްލަން ލީޑްސްގެ ކުޅުންތެރިންނަށް އަންގާފައިވާތީވެ އެވެ.

ފީފާގެ ފިފްޕްރޯ ޑްރީމް ޓީމުގައި ހިމެނެނީ އެލިސަން، ސާޖިއޯ ރާމޯސް، މާސެލޯ، ޑި ލިޓް، ވެން ޑައިކް، ލޫކަ މޮޑްރިޗް، ޑި ޔޮން، މެސީ، އެޑެން ހަޒާޑް، އެމްބާޕޭ އަދި ރޮނާލްޑޯ އެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިލްޔާސްގެ ކެނޑިޑަސީ ފޯމު ހުށައަޅައިފި

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. އެމްޑީޕީއިން ...

އާމިނަތުއަށް ގަދަ ހަޔަކުން ޖާގަ ނުލިބެންވީ ސަބަބެއްނެތް – ސަތޯ

އާމިނަތު ގަދަ 6 ކުޅުންތެރީންގެ ނުހިމަނާ ގަދަ 6 ކުޅުންތެރީން ހޮވުމަކީ ވަރަށް ޚުދުމުޚްތާރުކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށް ކުޅިވަރު ...

ސަރުކާރުގެ 3 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި

ރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ...