ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މޮރިޝަސް ކޮމާޝަލް ބޭންކުން އުފުލި 2.6 މިލިއަން އެމެރިކާ ޑޮލަރުގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި ސިވިލްކޯޓުން އެ މައްސަލަ ނިންމައިފި އެވެ.
މޮރިޝަސް ބޭންކުން ޖުނައިދަށް އުފުލި 2.2(އިންޓްރެސްޓާއިއެކު 2.6 މިލިޔަން ) އެމެރިކާ ޑޮލަރުގެ މި ދައުވާ ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުގައި ނިންމީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.
މޮރިޝަސް ބޭންކުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ނިންމާ ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރު އިއްވި ހުކުމުގައި ބުނެފައި ވަނީ މި މައްސަލާގައި ހިމެނޭ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރީއަތުން ރިޔާއަތްކޮށް ބެލި އިރު މޮރިޝަސް ކޮމާޝަލް ބޭންކުން ލޯން ނަގާ ފަރާތުގެ ހައިސިއްޔަތުން ގްލޯބަލް ލިންކްސް އާއި ކޯޕަރޭޓް ގްރެންޓޯގެ ގެ ހައިސިއްޔަތުން ހޯދީ ޕްރައިވެޓް ލިމެޓެޑާއި ޕާސަނަލް ގްރެންޓޯގެ ހައިސިއްޔަތުން ސ. މީދޫ ކެނެރީ ވިލާ މުހައްމަދު ޖުނައިދުގެ މެދުގައި 17ޖުލައި2014 ގައި ސޮއިކޮށްފައިވާ ކަމަށް ބުނެ މޮރިޝަސް ބޭންކުން ހުށަހަޅާފައިވާ އެގްރީމެޓްތަކަށް އެ ފަރާތްތަކުން އިންކާރު ކުރާ ކަމަށެވެ.
އަދި އެ އެގްރިމެންޓްތަކާމެދު އެ ފަރާތްތަކުން ޝައްކު އުފައްދާފައިވާތީ އެގްރިމެންޓްތަކާއި ބޭންކު ވެސް ހިމެނޭ ގޮތުން އެގްރިމެންޓްތަކުގައި ބައިވެރިން ހަމައަށް ސޮއިކޮށްފައި ނުވާ އަދި ބޭންކުގެ ސިއްކަ ވެސް ޖަހާފައި ނުވާކަން އެގްރިމެޓްތަކުން އެނގެން އޮތުމާއެކު އެ އެގްރިމެންޓްތަކަކީ އެ ފަރާތްތަކުން ސޮއި ކޮށްފައިވާ ސައްހަ އެގްރިމެންޓް ތަކެއްކަން ޝަރީއަތަށް ސާބިތުވާ ފަދަ ކާފީ ހެކި ދައުވާ ކުރާ ފަރާތަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
އެ އެގްރިމެންޓްތަކުގެ ދަށުން އޯވަ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި ގްލޯބަލްލިންކަށް މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކުރި ކަމަށް ބުނާ 2.2 މިލިޔަން އެމެރިކާ ޑޮލަރަކީ މޮރިޝަސް ބޭންކުގެ ފަރާތުން ގްލޯބަލް ލިންކްސް އަށް ދޫކޮށްފައިވާ ފައިސާއެއްކަން އަދި އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްގެން އެކުންފުނިން ބޭނުންކޮށްފައިވާ ފައިސާއެއްކަން ވެސް ޝަރީއަތަށް ސާބިތުވާނެފަދަ ހެއްކެއް އެބޭންކަށް ދެއްކިފައި ނުވާ ކަމަށް ވެސް ސިވިލްކޯޓުގެ އެ ހުކުމުގައި ބުނެ އެވެ.
މީގެ އިތުރުން ބުނެފައި ވަނީ އެކަންކަން އެހެން އޮތުމުން މޮރިޝަސް ބޭނުންކުން ގްލޯބަލް ލިންކްސް އާއި ހޯދީ ޕްރައިވެޓް ލިމިޓެޑާއި ސ. މީދޫ ކެނެރީ ވިލާ މުހައްމަދު ޖުނައިދު ގެ މައްޗަށް ކުރި ދައުވާ ޝަރިއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅާ ހުކުމްކުރާކަމަށެވެ.
ކޮމެންޓްސް (0)