ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދޫނިދޫ ޖަލަށް މިއަދު ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙު ދޫނިދޫ ޖަލަށް ޒިޔާރަތް ކުރައްވައި ސިޔާސީ ބޭފުޅުން ހައްޔަރުކުރައްވާފައި ބޭތިއްބެވި ގޮޅިތަކާއި، ޖަލުގެ ޢާންމު އެހެން ގޮޅިތައް ބައްލަވައިލެއްވި ކަމަށެވެ. އަދި ޖަލުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޞާލިޙުގެ އަރިހުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، ހޯމް މިނިސްޓަރ އައްޝެއިޙް ޢިމްރާން ޢަބްދުﷲ ވެސް ދޫނިދޫއަށް ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ޖަލުތަކުގެ ޙާލަތު ރައީސް ޞާލިޙު ބައްލަވައި ލެއްވުމަށްފަހު ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރަންހުރި ކަންތައްތަކާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރާއި އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
ޖަލުތަކުގެ ޙާލަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލުތަކުގެ ޙާލަތާއި މެދު ކަންބޮޑުވާންޖެހޭ ކަމަށާއި އެކަންކަން ޙައްލު ކުރަންޖެހޭ ކަމަށެވެ.
ދޫނިދޫ ޖަލުގެ ޙާލަތު ރައީސް ޞާލިޙު ބައްލަވާލެއްވިއިރު މިދިޔަ މާޗް މަހުގެ ތެރޭގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ޖުމްހޫރީ މައިދާން ސަރަޙައްދަށް ވަދެވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވުމުން ރައީސް ޞާލިޙު ހައްޔަރު ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ. އަދި ޖަލުގައި 9 ދުވަސް އެމަނިކުފާނު ވަނީ ހޭދަ ކުރައްވާފައެވެ. އެމަނިކުފާނު ހައްޔަރު ކުރީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީން އިޢުލާން ކުރައްވާފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
މަސްދަރު: ޕީއެސްއެމް
ކޮމެންޓްސް (0)