ޗައިނާގައި ބޭއްވި “ސިލްކް ރޯޑް، ޔަންގް ޑްރީމްސް” ޕްރޮގްރާމްގެ ލަވަ ކިޔުމާއި މިއުޒިކްގެ ފަންނުވެރިކަމުގެ މުބާރާތުގެ 2 ވަނަ ރާއްޖޭގެ ފަރާތުން ވާދަކުރި އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު ހޯދައިފިއެވެ.
މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ފަސްޓް ރަނާރަޕް އައިމިނަތު ސައިނާ، ޗައިނާގައި ބޭއްވި ލަވަކިޔުމުގެ މުބާރާތުން ދެވަނަ ހޯދީ 26 ފަރާތަކާ ވާދަކޮށްގެނެވެ. އެވޯޑާއި ހަވާލުވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސައިނާ ބުނީ ބޭރު ޤައުމެއްގައި، މޮޅެތި މީހުންތަކަކާ ވާދަކޮށް މިފަދަ ވަނައެއް ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.
“26 ޤައުމެއް ބައިވެރިވި މި މުބާރާތުގަ، ލަވައިގެ ބައިންވެސް ވަރަށް މޮޅެތި ކުދިން ލަވަ ކި. ޗައިނާގެވެސް މޮޅެތި އާޓިސްޓުން، އޮޕޭރާ މިއުޒިޝަންސް ވެސް، ހަމަ ބައިވެރިވި، ދެން ހިއެއް ނުކުރަން އެހާބޮޑަކަށް އެހާ ބައިވަރު މީހުންގެ ތެރެއިން، އެހާ މޮޅެތި އާޓިސްޓުންގެ ތެރެއިން ގޮސް ދާނެ ކަމަކަށް.. އެހެންވީމަ ދެވަނަ ލިބުނަސް ވަރަށް އުފާވޭ، ރާއްޖެ ރިޕްރެޒެންޓްކުރަން މިމުބާރާތުގަ އަޅުގަނޑު އެކަނި މިހުރީ، އެހެންމަ ރާއްޖެ ފަޙުރުވެރިވާ ވަރުގެ ވަނައެއް ލިބުނީތީވެ ވަރަށް އުފާވޭ” ސައިނާ ބުންޏެވެ.
މިމުބާރާތުގެ އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާގައިވެސް ސައިނާ ވަނީ ލަވައެއް ހުށަހަޅައިދީފައެވެ. ސައިނާ ހުށަހަޅައިދިން ލަވައަށް އޯޑިއަންސްގެ ބޮޑު ތަރުހީބެއްވެސް ލިބުނެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ 2 ވަނަ ހާސިލުކޮށްފައިވަނީ އައިމިނަތު ސައިނާ މުޙައްމަދު ރަޝީދަކީ ސްކޫލް ކުދިންގެ ލަވަ މުބާރާތުންވެސް ރަންވަނަތަކެއް ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. ‘ސިލްކް ރޯޑް، ޔަންގް ޑްރީމްސް’ގެ ލަވަ ކިޔުމުގެ މުބާރާތުގައި ސައިނާ ހުށަހަޅައިދިނީ، ޒީރޯ ޑިގްރީގެ ‘އެންވަގުވީ”، ލަވައެވެ.
ޗައިނާ ގެ ބެއިޖިންގައި ބޭއްވި ‘ސިލްކް ރޯޑް، ޔަންގް ޑްރީމްސް’ ޕްރޮގްރާމަކީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ނުވަތަަ 21 ވަނަ ގަރުނުގެ މެރީޓައިމް ސިލްކް ރޫޓުގެ ޤައުމުތަކުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށް 5 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވި ‘ސިލްކް ރޯޑް، ޔަންގް ޑްރީމްސް’ ޕްރޮގްރާމުގައި 26 ޤައުމަކުން ސަތޭކައެއްހާ ފަރާތަކުން ބައިވެރިވިއެވެ.
މަސްދަރު: ޕީއެސްއެން
ކޮމެންޓްސް (0)