އާފިޔާގެ ވާހަކަތައް ބަދަލުވެ، އިބްތިހާލް މަރާލިކަމަށް ބުނީ މަޖުބޫރުވެގެން ކަމަށް ބުނެފި

މީގެ ތިން އަހަރު ކުރިން ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިބްތިހާލްގެ މަރުގެ ޒިންމާ މީގެ ކުރިން އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކް އުފުލި ނަމަވެސް މިކަމާބެހޭގޮތުން އިއްޔެ ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި ފުރަތަމަ ފަހަރަށް އިބްތިހާލްގެ މަންމަ އާފިޔާ  އެކަމަށް އިންކާރުކޮށްފިއެވެ.

އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އިބްތިހާލު މަރުވީ އަނިޔާ ކުރުމުން ކަމަށް މީގެ ކުރިން އާފިޔާ ވަނީ ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވެފައެވެ. އަދި އިބްތިހާލަށް ކުރި އަނިޔާތަކުގެ ތަފްސީލްތައްވެސް  އޭނާ ވަނީ ކިޔައިދީފައެވެ.

ނަމަވެސް އިއްޔެ ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމުގެ އިތުރުން އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ވެސް ބުނެފައެވެ. އޭނާ ބުނީ މީގެ ކުރީގެ އަޑުއެހުންތަކުގައި އިބްތިހާލަށް އަނިޔާކޮށް އޭނާ މަރާލި ކަމަށް ބުނީ މަޖުބޫރު ވެގެން ކަމަށެވެ. އެ މަޖުބޫރީ ހާލަތު އޭނާއަށް ކުރިމަތި ކުރި ޖަލުގެ އޮފިސަރުން ކަމަށް އާފިޔާ ވަނީ ބުނެފައެވެ.

”ޖަލުގެ ޑިއުޓީން ގޮޅިއަށް ވަދެ ވަޅިން ބިރު ދައްކައި ބުނަނީ ހުރިހާ ކަމަކަށް އެއްބަސް ނުވެއްޖިއްޔާ މަރާލާނަމޭ. ބައެއް ރޭ ރޭ ދަންވަރު ގޮޅިއަށް ވަދެވެސް ނިދިޔަ ނުދީ ބިރު ދައްކައި ހަދައި،“ އެއްވެސް ޖެެހިލުމެއްނެތި އާފިޔާ ކިޔައިދިނެވެ.

އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި އާފިޔާ ދަންނަ އެ ރަށުގެ މީހަކު ވަނީ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައެވެ. އޭނާ ބުނީ އާފިޔާގެ ކުޑައަށް ދެން ތިބި ދެ ކުދިން ގޮވައިގެން އޭނާ އުޅުނު ނަމަވެސް އިބްތިހާލް ގޮވައިގެން އުޅޭ ތަން ފެނިފައިނުވާ ކަމަށެވެ. އަދި އިބްތިހާލަށް އަޅާނުލަނީ ކީއްވެތޯ ސުވާލުކުރާތީ އާފިޔާ ހިތްހަމަ ނުޖެހިފައި ހުންނަ ކަމަށް ވެސް ހެކިބަސް ދިން މީހާ ބުންޏެވެ.

”އާފިޔާ ބުނާނެ އިބްތިހާލް އުޅޭނީ ބަސްނާހައި އެހެން ކުދިންނާ ތޮޅެ ހަދަންށޭ. އެހެންވެއޭ އޭނާ ބޭރަށް ނުނެރެނީ. އެކަމަކު އަޅުގަނޑުމެންގެ ގެއަށް އައިސް ވަރަށް މަޑުން ބަސް އަހައިގެން އިންނާނީ،“ ހެކިބަސް ދިން މީހާ ބުންޏެވެ.

އިބްތިހާލްގެ ކަންފަތް ކައިރިން ލޭ އައިސް ކުރިމަތި ފަރާތް ދުޅެވެފައި ހުރުމުން އެކަމާ ގުޅިގެން ވެސް އާފިޔާއާ ސުވާލު ކުރި ކަމަށް ހެކިވެރިޔާ ފާހަގަކުރިއެވެ. އަދި ކުރިމަތި ފަރާތް ދުޅަވެފައިވަނީ ކުޅެ އުޅެނިކޮށް ތަނެއްގައި ޖެހިގެން ކަމަށާއި ޔޫރިން އިންފެކްޝަން ހެދިފައި ހުރި ކަމަށް އާފިޔާ ބުނެފައިވާކަން ހެކިވެރިޔާ ފާހަގަކުރިއެވެ.

ހެކިބަސް ދިން މީހާ ހެދީ ހުސް ދޮގު ކަން ފާހަގަކޮށް އާފިޔާ ބުނީ އިބްތިހާލްގެ ހަށިގަނޑުން އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެނިފައިވަނީ އޭނާގެ މާމަ ކައިރީގައި މ. ދިއްގަރުގައި ހުރެފައި ގެނައި ފަހުން ކަމަށެވެ.

ޖަލު އޮފިސަރުން މީގެ ކުރިން ބިރު ދެއްކި ކަން ޝަރީއަތުގައި ނުބުނީ ކީއްވެތޯ ދައުލަތުގެ ވަކީލުން އާފިޔާއާ ސުވާލު ކުރެއްވުމުން އޭނާ ބުނީ އެމީހުން އެކަން ކުރީ މަޖަލަކަށް ކަމަށް ހީކޮށް ނުބުނީ ކަމަށެވެ.

އާފިޔާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ މީހަކު މަޖަލަކަށް ދައްކާ ވާހަކައެއް އަދި ކުރާ ކަމެއްގެ ސަބަބުން މަޖުބޫރީ ހާލަތަކަށް ވެއްޓުމޭ ބުނުމުން ބުއްދި ގަބޫލު ނުކުރެވޭ ކަމަށެވެ.

އިބްތިހާލް މަރާލި ކަމަށް އާފިޔާ އިންކާރު ކުރުމުން ދައުލަތުގެ ވަކީލުން ވަނީ ކުރިން ހުށަނާޅަން ނިންމާފައިވާ 19 ހެކިންގެ ހެކިބަސް ނަގައި ދިނުމަށް ޝަރީއަތުގައި އެދިފައެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 54 އަހަރުގެ މީހަކު މަރުވެއްޖެ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލީގެ މީހަކު މަރުވެއްޖެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި  ކޮވިޑް ޖެހިގެން ...

ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް – ނާއިބު ރައީސް

ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ އިތުރަށް ހުޅުމީދޫ ރައްޔިތުންނަށް ލިބިގެންދިޔަ ...

ނަޝީދަށް ވުރެ ރައީސް ސާލިހުގެ ސިޔާސީ ތަޖުރިބާ ހުންނާނެ -ރޮޒެއިނާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސިޔާސީ ތަޖުރިބާ މާ ހަރުދަނާ ކަމަށް ...