އިސްމެހެލާ ހެރަ ރިސޯޓް މިއަހަރުގެ ޑިސެމްބަރުގައި ހުޅުވަނީ

އައްޑޫސިޓީ މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރަ ރިސޯޓުގެ މަސައްކަތް ނިމި މިއަހަރުގެ ޑިސެމްބަރުގައި ޚިދުމަތްދޭން ފަށާނެކަމަށް އެރިސޯޓުން ބުނެފިއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި، އިސްމެހެލާ ހެރެ ރިސޯޓްގެ ސީއީއޯ މޫސާ ދީދީ ވިދާޅުވީ، މުޅި ރިސޯޓްގެ ސިވިލް މަސައްކަތުގެ 69 އިންސައްތަ މިހާރު ނިމިފައިވާކަމަށާއި، އަންނަ ޑިސެމްބަރަށް ރިސޯޓްގެ ފުރަތަމަ ފޭސްނިމި 100 ކޮޓަރީގެ ޖާގަޔާއެކު ރިސޯޓު ހުޅުވިގެންދާނެކަމަށެވެ.

“މޫސުންތަން ދޭގޮތަށް ބަލާފަ އިރާދަކުރެއްވިއްޔާ ޑިސެމްބަރު މަހުގަ ރިސޯޓްގެ ފުރަތަމަ ފޭސް ހުޅުވާނަން. އެއީ ގާތްގަނޑަކަށް 100 ކޮޓަރީގެޖާގަޔާ އެއްކޮށް. އަޅުގަނޑުމެން މިވަނީ މިހާރު ހުރިހާ ސިވިލް ވޯކްގެ 69 އިންސައްތަ ނިންމާފަ. ޕަވާ ހައުސްގެ ސިވިލް ވޯކްވެސް އެހުރީ ގާތްގަނޑަކަށް ނިމިފަ. މިހާރު ހުރިހާ މެޓީރިއަލް ތަކާއި އެއްޗެހި އަންނަ މަގުމަތީގަ އުޅެނީ. އަޅުގަނޑުމެން މިހާރުދެން މިކަމަށް ކުރެވެން އޮތް އެންމެ ފަހުގެ ތައްޔާރިތައް ވަމުން މިދަނީ” މޫސާ ދީދީ ވިދާޅުވިއެވެ.

ހަތަރު ތަރީގެ އިސްމެހެލާ ހެރާގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ރާވާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 60 ބީޗް ވިލާއާއި 30 ވޯޓާ ވިލާގެ އިތުރުން 20 އޯޝަން ވިލާއާއި، ބާ އެއްގެ އިތުރުން ސްޕާ އަދި ރެސްޓޯރެންޓް ހުޅުވަން ވަނީ ނިންމާފައެވެ. ރީތި ބޮޑު ދެ ކުޅި އޮންނަ އިސްމެހެލާ ހެރާގެ ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ކުޅި ހިމެނޭ ސަރަޙައްދުވެސް ތަރައްޤީކުރާނެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު ރިސޯޓްގައި ޖުމްލަ 110 ވޯޓާ ވިލާއާއި 30 އޯޝަން ވިލާޔާއެކު ޖުމްލަ 240 ކޮޓަރި ހުންނާނެކަމަށް ރިސޯޓުގެ މެނޭޖްމަންޓުން ބުނެއެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގައި އިސްމެހެލާ ހެރައާއި ކައިރީގައި އޮތް އެރަށުގެ އެއްބައިކަމަށްވާ ކެޑެވާހެރަ އާއި ކުޑަ ބްރިޖަކުން ގުޅުވާލާ އިތުރު ވޯޓާ ވިލާތައް އެރަށުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިސްމެހެލާ ހެރައިގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާއިރު މިވަގުތު އެތަނުގައި ކުރިއަށްދަނީ ލޭންޑް ރޫމްގެ ސިވިލް މަސައްކަތާއި ވޯޓާރ ބަންގްލޯގެ ބުޑުތައް ޖެހުމާއި، ހާބާ އަދި އެރައިވަލް ޖެޓީއާއި ބާ އަދި ރެސްޓޯރެންޓުގެ އިތުރުން ރިސެޕްޝަން ހެދުމުގެ މަސައްކަތެވެ. އިސްމެހެލާ ހެރާ ރިސޯޓު ހުޅުވުމުން 600 އާއި 700އާއި ދެމެދުގެ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށާއި، އޭގެ ތެރެއިން 80 އިންސައްތަ ވަޒީފާގެ ފުރުޞަތު ދޭން ހަމަޖައްސާފައިވަނީ ދިވެހިންނަށެވެ.

“މި ރިސޯޓް ހުޅުވޭއިރު ގާތްގަނޑަކަށް 600 އާއި 700 އާއި ދެމެދުގެ ވަޒީފާގެ ފުރުސަތް ހުޅުވިގެންދާނެ. އޭގެ ތެރެއިން 80 އިންސައްތަ ފުރުސަތްދެވޭނީ ދިވެހިންނަށް. މިހާރުވެސް މި ރިސޯޓްގެ މަސައްކަތްކުރުމަށް ގިނައިން އުޅެނީ ދިވެހިން. އަދި ސައުތް ޕާމް ކުންފުނީގައިވެސް މަސައްކަތްކުރަމުންދަނީ މުޅިންވެސް ދިވެހިން” މޫސާ ދީދީ ވިދާޅުވިއެވެ.

އިސްމެހެލާ ހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް އައްޑޫގެ އިގްތިޞާދަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން އެއްވަޢުދެވެ. މި ރިސޯޓު ނިމިގެންދާއިރު ހުޅުމީދޫގެ ރައްޔިތުންގެ އިތުރަށް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާނެއެވެ.
އިސްމެހެލާ ހެރާގައި ރިސޯޓެއް ތަރައްޤީކުރަނީ ސައުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މަސްދަރު: ޕީއެސްއެމް.އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަރަންޓު ބިލް ދެއްކުމަށް ފެނަކައިން އެޕެއް ތައާރަފްކޮށްފި

ކަރަންޓު ބިލް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެޕެއް ތައާރަފްކޮށްފި އެވެ ފެނަކައިން މިއަދު ބުނީ ފެނަކަ ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ...

މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވޭ: ބީއެމްއެލް

ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ...

ދިރާގު ޕޯސްޓްޕެއިޑް އާ ކަސްޓަމަރުންނަށް ހިލޭ ބޯނަސް

ދިރާގުން އެ ކުންފުންޏާއި އަލަށް ގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިލޭ ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ...