ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަޤީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓެވުމަށެވެ.
“ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާމީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި ދުއްވާ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއްލިބި އިއާދަ ނުކުރެވޭފަދަ ގެއްލުމަކާއި ކުރިމަތި ވެދާނެކަމެއްކަމަށްވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށް ލޮބުވެތި ރައްޔިތުންނަށް މިފުރުޞަތުގައި އިލްތިމާސްކުރަން” ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މިދުވަސްވަރަކީ ރާއްޖޭގެ އެކިރަށްރަށަށް އުދައަރަމުންދާ ދުވަސްވަރަކަށްވުމުން މިކަމަށްވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާދެއްވާފައި ވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓްސް (0)