މިމަހުގެ ތެރޭގައި މިހާތަނަށް އިންފުލްއެންޒާއަށް ޓެސްޓް ކުރި މީހުންގެ %69 މީހުން އިންފްލުއެންޒާ އޭއަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ރިޕޯޓުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. އެއީ ހަހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ މީހުންނެވެ. އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ ބަލީގެ ޢަލާމާތްތައް ފެންނަ މީހުންގެ ތެރެއިން ޙާލުބޮޑުވެ އެންދުމަތިކުރެވިފައިވާ މީހުންގެ ފަރާތުން ނަގާ ސާމްޕަލްތަކުންކަމަށެވެ.
މިހާރު ފެތުރެމުންދަނީ އިންފްލުއެންޒާ އޭގެ ވައްތަރެއްކަމަށްވާ އެޗް ތްރީ އެން ޓޫ ކަމަށާއި މިދިޔަ ހަފްތާގެ ތެރޭގައި މިބަލީގައި ޢުމުރުން ދުވަސްވީ މީހަކު މަރުވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެއޭޖެންސީން ޢާއްމުކޮށްފައިވާ މައުލޫމާތުތަކުގެތޭގައި އިންފްލުއެންޒާ ޖެހިގެން ނުރައްކާވާ މީހުންގެތެރޭގައި މާބަނޑު މީހުންނާއި ވިހައިގެން ދެހަފްތާ ނުވާ މައިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި ފުއްޕާމޭގެ ބަލިތަކާއި ހަކުރުބަލި ހުންނަ މީހުންނާއި ސިކުނޑިއާއި ނާރުގެ މައްސަލަ ހުންނަ މީހުންނާއި ކިޑްނީގެ ބަލިތައް ހުންނަ މީހުންނާއި އާދަޔާ ޚިލާފަށް ފަލަ މީހުންނާއި ތެލެސީމީއާ ކުދިންގެ އިތުރުން ދިފާޢީ ނިޒާމު ދެރަ މީހުންނާއި ބައެއް ބާވަތްތަކުގެ ޚައްސަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.
އިންފްލުއެންޒާ ވެކްސިން ދޭންޖެހޭ ފަރާތްތަކުގެ ތެރޭގައި ބަލީގެ ނުރައްކާ އޮތް ފަރާތްތަކާއި ސިއްޙީ ފަރުވާދޭ ތަންތަނުން ބަލި ޖެހިފައިވާ މީހުންނާ މުޢާމަލާތުކުރަންޖެހޭ މީހުންކަމަށް އެބަޔާނުގައިވެއެވެ. އަދި މިހާރުފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާއިރު ބަލިތަކުން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެކަންކަންވެސް އެއޭޖެންސީންވަނީ ހާމަކޮށްފައެވެ.
އެގޮތުން ކެއްސައި ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމާއި ޢާއްމު ސާފުރާހިރުކަމަށް ސަމާލުވުމާއި ރޯގާ ޖެހި ކެއްސާނަމަ ޢާއްމުން އެއްވެއުޅޭ ތަންނަނަށް ނުދިއުމާއި އެފަދަ ޙާލަތުގައި ކުޑަކުދިންނާއި ދުރުހެލިވުމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފައެވެ. އަދި އިންފްލުއެންޒާގެ ނުރައްކާ އޮތް ފަރާތްތަކުން ވެކްސިންގ ޖެހުމަށްވެސް އެއޭޖެންސީން އިލްތިމާސްކުރެއެވެ. މިހާރުވެސް ރޯގާއާއި ހުން ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމައް ސިއްޙަތާ ގުޅުންހުރި ވުޒާރާތަކުންދަނީ އިލްތިމާސްކުރަމުންނެވެ. މިދިޔަ އަހަރު ފެތުރުނު ރޯގާގައި ހަފްތާއަކު ސާދަ ހާހަށްވުރެ ގިނަ ފަރާތުން ރިޕޯޓުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މަސްދަރު: އެޗްޕީއޭ
ކޮމެންޓްސް (0)