ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ކަޅުތުއްކަލާގެ ރިވެތި އުޞޫލު – ޝިފާޤު މުފީދު

ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުގަދަ އަދި ރިވެތި އުޞޫލުތައް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީންގެ ކިބައިން ފެނިގެން ހިނގައްޖެކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޤު މުފީދު ވިދާޅުވެއްޖެއެވެ.

“ރައީސް ޔާމީން 2018” ކެމްޕެއިން އޮފީސް ހުންނަ ސަރަޚައްދުގައި އޮންނަ “ޤައުމީ ފަސްގަނޑު” ގައި “ދިވެހި ސަލާމަތީ ބާރުތަކާއެކު ދިވެހިން” ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޝިފާޤު ވިދާޅުވީ މީގެ 398 އަހަރު ކުރިން ހުސެން ފާމުދޭރީ ކިލެގެފާނު ރަސްކަމުގައި ހުންނަވަނިކޮށް ދުނިޔެ ދޫކުރެއްވުމުން ރަސްކަން ވާރުތަވީ ކަޅުތުއްކަލާއާކަމަށެވެ. ރަސްކަމާ ޙަވާލުވެވަޑައިގެންނެވުމާއެކު އެންމެ ފުރަތަމަ ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުމަކަށްވީ އާއިލާ ތެރެއިން ހަސަބާ ނަސަބުގެ ތަފާތުކުރުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުމެއްކަމަށް ޝިފާޤު ވިދާޅުވިއެވެ. އެގޮތުން ކަޅުތުއްކަލާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވި ބޭފުޅަކަށް ވީތީ ރަސްކަމުގެ ތަޙުތާ ޙަވާލުވެވަޑައިގެންނެވުމުގެ ޤާބިލުކަން ނެތްކަމަށް ބުނެ އާއިލާތެރެއިން ފިއްތުންތައް ކުރިމަތިކުރުވިކަން ޝިފާޤު ފާހަގަކުރެއްވިއެވެ.

“މިއަދު މިފެންނަނީ އެތާރީޚު ތަކުރާރުވާ މަންޒަރު. އޭރު ވަލިއްޔުލް އަހުދަށް ކުރިމަތިވި ގޮންޖެހުން މިއަދު ރައީސް ޔާމީނަށްވެސް ކުރިމަތިވާ މަންޒަރު މިފެންނަނީ” ޝިފާޤު ވިދާޅުވިއެވެ.

އިތުރަށް ސްޓޭޓް މިނިސްޓަރު ވިދާޅުވީ ކަޅުތުއްކަލާ އޭނާގެ ޒުވާން ޖޯޝާއެކު ޤައުމު ކޮޅަށް ޖެއްސެވުމަށް މަސައްކަތް ފައްޓަވާފައިވަނިކޮށް ޕޯޗުގީޒުންގެ ހަމަލާ ދިވެހި ފަސްގަނޑަށް ކުރިމަތިކުރުވިކަމަށެވެ. އެހެންނަމަވެސް ކަޅުތުއްކަލާ އަމުރުކުރެއްވީ ޖައްވައް ހަވަޔަށް ފަޒާއަށް ބަޑިޖަހަން ނޫންކަމަށާއި ކަންތައް ކުރެއްވީ އެއަށްވުރެއް ރިވެތި އުޞޫލުތަކުގެ ތެރެއިންކަމަށެވެ. ރަސްކަމުގެ ގަނޑުވަރުގައި ތިއްބެވި ވަޒީރުންނާ އަސްކަރީން އެއްކުރައްވާ ބަސްފުޅު އިއްވަވަމުން ވިދާޅުވީ އެމަނިކުފާނު ހުންނެވީ މިނުރައްކާތެރި ދަނޑިވަޅާ ކުރިމަތިލާ ޤުރުބާންވުމަށް ތައްޔާރަށްކަމަށާއި، އެދިވަޑައިގެންނެވީ އެމަނިކުފާނާއެކު ބައިއަތު ހިއްޕެވުމަށްކަމަށެވެ.

“އޭރު ސިފައިންގެ ޤާނޫނެއް ނެތް. އެހެންނަމަވެސް ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔައީ ދިވެހި ލަޝްކަރިއްޔާގެ ރޫޙު. މިފެބުރުއަރީ މަހު ދިވެހި ޤައުމަށް ކުރިމަތިވި ހާދިސާގައި ރައީސް ޔާމީންވެސް ޢަމަލުކުރެއްވި މަންޒަރު ފެނިގެންދިޔައީ މިއުޞޫލުގެ ދަށުން” ޝިފާޤު ވިދާޅުވިއެވެ.

ޝިފާޤު ވިދާޅުވީ ދިވެހި ޤައުމީ ސަލާމަތީ ބާރުތަކާ ބައްދަލުކުރައްވާ ރައީސް ޔާމީން އިއްވެވީ ޤައުމީ ނިދާ ކަމަށެވެ. އެގޮތުން ޤައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރިކޮށްދެއްވާ، ރައްޔިތުންގެ އަމާންކަން ދެމެހެއްޓުމަށް ސަލާމަތީ ބާރުތަކުން ފުރިހަމަ ޖޯޝާއެކު ރައީސް ޔާމީނާއެކު ތިއްބެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިކަމަށް ޝިފާޤު ވިދާޅުވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޤައުމު އޮޔާލާ ދަނިކޮށް އަމާން އައްސޭރިއަކަށް އަނބުރާ ގެނެސްދެއްވުންކަން ފާހަގަކުރައްވާ ޝިފާޤު ވަނީ ކަޅުތުއްކަލާއަށް ހައްޤުވިފަދަ ސެލިއުޓެއް މިއަދު ރައީސް ޔާމީނަށް ޙައްޤުވާކަމަށް ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ މިނިވަންކަން ނަގާލަން ފަހުގެ ތާރީޚެއްގައި ދެވުނު އެންމެ ނުރައްކާތެރި ޙަމަލާ

3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ނުރައްކާތެރި ޙާދިޘާއެވެ. ދިވެހިންގެ ...

ފައިނަލްގައި މީދޫޓީމާ ވާދަކުރާނެ ޓީމަކަށް ފާހި ސްޕޯޓްސް ކްލަބް ހޮވިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި މިހާރު ކުރިއަށްދާ  ” ...

އުއްމީދީ ކުޅުންތެރިޔާ ސަހާފްއަށް ފުލް ސްކޮލަޝިޕެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޒުވާނުން ސްޕޮންސާކޮށް އެމީހުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން މީދޫގެ ފުޓްބޯޅައިގައި ...