އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ގެ ފައިނަލަށް ރެއާލްމެޑްރިޑް ދަތުރުކޮށްފިއެވެ.
ސައުދީ އަރަބިއްޔާގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗު ރެއާލުން ކާމިޔާބު ކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ހަވަނަ މިނެޓުގައި ލީޑް ނެގީ އެތުލެޓިކޯ މެޑްރިޑުންނެވެ. މި ލަނޑު އެތުލެޓިކޯ އަށް ކާމިޔާބުކޮށްދިނީ މާރިއޯ ހާމޯސޯއެވެ. މި ލީޑްގައި އެތުލެޓިކޯ އަށް މާ ގިނަ އިރެއް ވަންދެން އޮވެވޭ ގޮތެއް ނުވިއެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެންޓޯނިއާ ރުޑިގާ ވަނީ ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގައި ރެއާލުން ފުރަތަމަ ފަހަރަށް ލީޑުނެގީ 29 ވަނަ މިނެޓުގައި ފާލަންޑް މެންޑީ ޖެހި ގޯލުންނެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެތުލެޓިކޯ އަށް ކާމިޔާބުކޮށް ދިނީ އެންޓޮއިން ގްރީޒްމަންއެވެ.
ރުޑިގާ އަތުން މެޗްގެ 78 ވަނަ މިނިޓްގައި ބައިކޮޅަށް ގޯލެއް ވަދެ، އެތުލެޓިކޯ ލީޑު ހޯދާފައިވަނިކޮށް ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 85 ވަނަ މިނެޓުގައި ޑެނީ ކާވަހާލް ޖެހި ލަނޑުންނެވެ. މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް 3-3 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. މިގޮތުން މެޗުގެ 116 ވަނަ މިނެޓްގައި ރެއާލުން އަލުން ލީޑު ނެގީ ޖޮސެލޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުގައި ރެއާލުން ޖެހި ފަސްވަނަ ގޯލު ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ބްރަހީމް ޑިއާޒްއެވެ.
ކޮމެންޓްސް (0)