މަޖިލިހުގެ މިއަދުގެ ޖަލްސާވެސް އީވާ ސަލާމުގައި ހުންނެވުމުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުވެސް ސަލާމުގައި ހުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރެއްވުމަށް ހުށައަޅުއްވާފައިވާ ޤަރާރުގެ މައްސަލަ ކުރިއަށް ނުގެންދެވި ޖަލްސާ ކެންސަލް ކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެއްވުމަށް އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މައްސާލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ މައްސަލަ މިހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށްވެސް އެޖެންޑާކުރިއެވެ. ނަމަވެސް މި ދެ ޖަލްސާއަށްވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ސަލާމް ވިދާޅުވެފައިވާތީ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ، މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައްވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.

މަޖިލީހުގެ އަމީން އާންމު ސޮއި ކުރައްވާ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ނައިބުރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވާފައިވާ ކަމަށެވެ. އެހެންވެ، އެ ޖަލްސާ ކުރިއަށްނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި ހިމަނާފައެއްނުވެއެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށް ބަޔާންކުރާ މާއްދާ މެންބަރުން ފާހަގަކުރައްވައެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ. މި ގޮތުން މިހާތަނަށް މަޖިލީހުގައި ރައީސާއި ނައިބު ރައީސް ރިޔާސަތުގައި ވަޑައިގެން ނެތް ދުވަސްތަކުގައި ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފުވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައެވެ. އެ މައްސަލާގައި ބަޔާންކުރައްވާފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދެއްވުމަށްވެސް އެމްޑީޕީންވަނީ ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލާގައި އެދިވަޑައިގެންފައެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ނެތި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ޤަވާއިދުގައިވެސް ނެތްކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ގޯތި ލިބުނުކަމުގެ ލިއުން ހަވާލްކޮށްފި

އައްޑޫސިޓީ ” ބިންވެރިކަމުގެ ޕްރޮގްރާމް 2023 ” ގެ ދަށުން އައްޑޫސިޓީ މީދުން ބިން ލިބޭފަރާތްތަކުގެ މެދުގައި ގުރުއަތުލައި ...

އޮމިކްރޮން ވޭރިއަންޓުން ދިފާއުވުމަށް ބޫސްޓާ ޑޯޒް ޖެހުމަށް ރައީސް އިލްތިމާސްކުރައްވައިފި

ކޮވިޑް19ގެ އައު ވޭރިއަންޓު އޮމިކްރޮން އިން ދިފާއުވުމަށްޓަކައި ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ ބޫސްޓާ ...

2 ވަނަ ބުރައް ތައްޔާރުވާން ފަށައިފިން، ބަޔަކާއި ގުޅެން ޖެހޭނެ: ރައީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، އެހެންބަޔަކާއި ގުޅިވަޑައިގަންނަވަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ...