މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގާނޫނީ ހުރަހެއް ނެތް ނަމަ، ނޮވެމްބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ( އޮކްޓޯބަރ 2 ، 2023 ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަން ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އަނެއްކާވެސް އިޔާދަކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ ނޮވެމްބަރު 17، ގައެވެ. އޭގެ ކުރިން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމުގެ ހުވާ ކުރައްވާފައި ވަނީ ނޮވެމްބަރު 17، 2013 ގައެވެ.
“އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން. ގާނޫނީ ގޮތުން އެ އަށް ހުރަހެއް ނެތް ކަމަށް ވަންޏާ ނޮވެމްބަރު 11 ގައި އެކަން ބަދަލުވެގެން ދާނެ،”
ރައީސް ވިދާޅުވިއެވެ.
ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސަށް ހުވާކުރެއްވޭނެ ހަމައެކަނި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން ކަމަށްވާ ނަމަ، އެކަން ކުރައްވަފާނަންތޯ ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވީ އެމަނިކުފާނު އަދި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާ ދެއްވިޔަސް ވެރިކަމުގެ ބާރު ދެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކަމަށެވެ. އެހެންވެ، ގާނޫނީ ގޮތުން އެކަމުގައި ކުރެވޭނެ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ 10 އަހަރެއްހާ ދުވަސް ކުރިން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޔާމީނަށް ނޮވެމްބަރު 17 ވަނަ ދުވަހު ހުވާ ކުރެއްވުމަކީ އެ ފަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އައި ލަސްވުމާ ހެދިއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އަނެއްކާވެސް އާ ބުރެއް އޭރު ބޭއްވިއެވެ. އެ ބުރުން ނަތީޖާއެއް ނުނިކުތުމުން، ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ ނޮވެމްބަރު 16 ގައެވެ.
ކޮމެންޓްސް (0)