ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި 47،000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
ދެ ވަނަ ބުރުގެ ވޯޓަށް ރީ-ރަޖިސްޓްރީކުރަން ބޭނުންވާ މީހުންނަށް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ހަވީރާ ހަމައަށެވެ.
އެ މުއްދަތުގެ ތެރޭގައި 47،714 މީހުން ވަނީ ދެވަނަ ބުރުގައި އެހެން ތަނެއްގައި ވޯޓު ލާން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.
މިއީ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަކުރި މިންވަރަށް ވުރެ ގިނަ އަދަދެެއްކަމަށްވެސް އިލެކްޝަން ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅޫވީ ރީރަޖިސްޓްރީކުރަން ލިބުނު ފޯމުތަކުގެ ތެރެއިން މިހާތަނަށް 19،000 އަށް ވުރެ ގިނަ ފޯމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 42،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓަވުމަށް ހުށަހެޅި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.
ކޮމެންޓްސް (0)