ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަޖެޓްގެ ބޮޑުބައެއް ހޭދަ ކުރީ ޕެޕާސްޕްރޭ އާއި މުގުރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ” އުފާވެރި އަމާން ރާއްޖެ” ކެމްޕެއިނަށް މިއަދު ބ. ކަމަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ދައުލަތަށް ލިބޭ ޓެކްސް ފައިސާ އެމަނިކުފާނު ހޭދަ ކުރައްވަމުން ގެންދަވަނީ ހެޔޮގޮތުގައި ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ 2013 އިން 2018 އަށް ކުރެވުނު ވެރިކަމުގައި ދައުލަތުގެ ފައިސާއަށް ވަނީ ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައިކަމަށެވެ. އަދި މީގެ އިތުރުން އެ ސަރުކާރުން ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް ކުއްޔަށް ދީގެން ބަޖެޓަށް ވަންނަން ޖެހޭ ހުރިހާ ފައިސާއެއް ޖަމާކުރީ އަމިއްލަ އެކައުންޓަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި އަމާންކަން ގެއްލިފައިވުމުގެ އިތުރުން ވެރިކަން ކުރަމުން ގެންދިޔައީ ގަދަބާރުން ކަމަށެވެ. އަދި ފުލުސް އޮފީހުގެ ބަޖެޓަށް ބަލާލުމުން މުގުރަށާއި ޕެޕާސްޕްރޭއަށް ހަރަދުކުރެވިފައިވާވަރު އެނގިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ގައުމު އޮތް ހިސާބަށް މި އާދެވުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ނުވަދެ، ސިޔާސީ ވާދަވެރިންނަށް ބަސްބުނަން ދޫކޮށްލައިގެން ކަމަށާއި ފާޑުކިޔަން ފުރުސަތު ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ. ޑިމޮކްރެޓިކް ވެރިކަމެއް ކުރާނަމަ އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި މި ވެރިކަމުގައި ހުރިހާ ވަގުތެއް ހުސްކުރީ ރައްޔިތުނަށް ވީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކޮމެންޓްސް (0)