ބޭރުގެ ފަރާތްތަކާ އެކު ގާނޫނާ ހިލާފަށް ވިޔަފާރި މުއާމަލާތްތައް ހިންގި ކަމަށް ކުރެވޭ ތުހުމަތާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދަރިކަލުން، ހަންޓާ ބައިޑެންއާ ދެކޮޅަށް ހިންގާ ތަހުގީގު ފުޅާކުރަން އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ނިންމައިފި އެވެ.
ހަންޓާ ބައިޑަންއާއި ދެކޮޅަށް ކުރެވޭ ތުހުމަތު ތަހުގީގު ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން އައްޔަނުކުރީ ޕްރޮސެކިއުޓަރު ޑޭވިޑް ވެއިސް އެވެ.
ވެއިސްއަކީ ހަންޓާއާ ދެކޮޅަށް ކުރެވޭ ޓެކްސް އާއި ހަތިޔާރުގެ ތުހުމަތާ ގުޅޭ ތަހުގީގު ހިންގުމުގައި ވެސް އިސްކޮށް އުޅުނު އޮފިޝަލެކެވެ.
އެމެރިކާގެ އެޓާނީ ޖެނެރަލް މެރިކް ގާލެންޑް ހުކުރު ދުވަހު ވިދާޅުވީ ތަހުގީގު ފުޅާކުރަން ވެއިސް އެދުނު ކަމަށާއި އާއްމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ވާތީ ހުއްދަދީފައި ވާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި ދަރިކަލުން، ހަންޓާ ބައިޑެން
ޖޯ ބައިޑެން 2009 އިން 2017 އަށް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު ހަންޓާ ބައިޑެން ޗައިނާ އާއި ޔޫކްރެއިން އަދި އެހެން ބައެއް ގައުމުތަކުގެ ހެދި ވިޔަފާރި ޑީލްތަކާ ގުޅޭ ގޮތުން ކޮންގްރެސްއިން ވަނީ ސުވާލު އުފައްދައިފަ އެވެ.
އެކަމުގައި ޝާމިލުވި މީހަކު ކޮންގްރެސްގައި ބުނީ ވިޔަފާރި ޑީލްތަކުގައިފޯނު މެދުވެރިކޮށް ތަކުރާރުކޮށް ބައްޕަ ބައިވެރި ކުރުވި ކަމަށެވެ. ރިޕަބްލިކަން ޕާޓީއިން ތުހުމަތު ކުރަނީ ސިޔާސީ މަގާމާއި ނުފޫޒުގެ ބޭނުންކޮށް ޖޯ ބައިޑެން ދަރިކަލުންނަށް އެއްބާރުލުން ދެއްވި ކަމަށެވެ.
އެކަމަކު މިހާރު ރައީސްކަމުގައި ހުންނެވި ބައިޑެން އެކަން ދޮގުކުރައްވަ އެވެ. ހަންޓާއާ ދެކޮޅު ތަހުގީގު ފުޅާކުރަން ނިންމުމުން ވައިޓް ހައުސްއިން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓްސް (0)