އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވިމްބެލްޑަން ޓެނިސްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ.
ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި މިވަގުތު އޮތް އުމުރުން އެންމެ 20 އަހަރުގެ އަލްކަރާޒް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، މިވަގުތު ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ސާބިއާގެ ނޮވަލް ޖޮކޮވިޗް ބަލިކޮށްގެންނެވެ. ރޭ ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލް މެޗު އަލްކަރާޒް ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ގޮސްފައިވަނީ 6-1، 6-7 (6-8)، 1-6، 6-3، 4-6 އިންނެވެ.
ޖޮކޮވިޗް : ފައިނަލް ޖޮކޮވިޗް ބަލިވީ ސްޕެއިންގެ ކާލޮސް އަލްކަރާޒްއާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުން
އާދީއްތަދުވަހުގެރޭ ކުޅެވުނު ވިމްބަލްޑަން ފައިނަލްމެޗުން ބަލިވި ޖޮކޮވިޗް މިހާތަނަށް ވިމްބެލްޑަންގެ ޗެމްޕިއަންކަން ހަތްފަހަރު ވަނީ ހޯދާފައެވެ. އެންމެ ފަހުން ކުޅުނު ވިމްބެލްޑަން ހަތަރު މުބާރާތުގެ ތަށި ވެސް ހޯދީ އޭނާއެވެ. އާދީއްތަދުވަހުގެރޭ ކުޅެވުނު ފައިނަލަކީ އޭނާ ޖެހިޖެހިގެން މި މުބާރާތުގައި ކުޅުނު ފަސްވަނަ ފައިނަލެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ 8 ފަހަރު ޗެމްޕިއަކަން ހޯދި ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާއެވެ. މިފަހަރުގެ ފައިނަލް މެޗު ކާމިޔާބުކޮށް ފެޑެރާގެ ރެކޯޑާއި އަރާ ހަމަކުރުމުގެ ފުރުޞަތު ޖޮކޮވިޗަށް އޮތެވެ.
ސްޕެއިންގެ ކާލޮސް އަލްކަރާޒް: އުމުރުން 20 އަހަރުގެ ކާލޮސް އަލްކަރާޒް ފުރަތަމަ ފަހަރަށް ވިމްބަލްޑަން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޖޮކޮވިޗް 3 ސެޓު 2 ސެޓުން ބަލިކޮށް ފައި
މިވަގުތު އެންމެ ގިނަ ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް ވެސް އޮތީ އުމުރުން 36 އަހަރުގެ ޖޮކޮވިޗް އަތުގައެވެ. އޭނާވަނީ 23 ފަހަރު ގްރޭންޑްސްލޭމް މުބާރާތް ކާމިޔާބު ކޮށްފައެވެ.
މިއީ އަލްކްރާޒް ވިމްބެލްޑަންގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިއީ އޭނާ ކާމިޔާބުކުރި ދެވަނަ ގްރޭންޑްސްލޭމް މުބާރާތެވެ. އޭނާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑްސްލޭމް މުބާރާތަކީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ.
ކޮމެންޓްސް (0)