ހުޅުދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ޒެފިޔާގެ މައްޗަށް ކުރިހޯދައި މައިލޯސިޓީ ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިމެޗްގެފުރަތަމަ ހާފުގައި ދެޓީމްގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ދެވަނަ ހާފްގައި ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން މައިލޯގެ ކުޅުންތެރީން ކުޅުނުއިރު އެޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އަދި ޒެފިޔާގެ ކުޅުންތެރީންވެސް މައިލޯސިޓީގެ ހަމަލާތައް ދިފާއުކޮށް ކައުންޓަރ އެޓޭކްގައި މައިލޯގެ ގޯލަށް ދޭތެރެ ދޭތެރެއިން ހަމަލާތައް ފޮނުވަމުން ގޮސްފައިވެއެވެ.
އެހެން ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަ ވެގެންދިޔައިރުވެސް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާތީ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
މިމެޗްގައި ފުރަތަމަ ޕެނަލްޓީ ޖެހީ ޒެފިޔާއިންނެވެ. ޒެފިޔާއިން ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ގޯލާދިމާނުވެ ބޭރަށް ގޮސްފައިވާއިރު މައިލޯން ފުރަތަމަ ޖެހި ޕެނަލްޓީ އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
ޒެފިޔާގެ ދެވަނަ ޕެނަލްޓީ ޖެހިކުޅުންތެރިޔާ ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ. އަދި މައިލޯސިޓީން ދެވަނަ ޕެނަލްޓީ ޖެހިކުޅުންތެރިޔާ ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ.
ޒެފިޔާގެ ތިންވަނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ގޯލަށް ވައްދައިގެން ޕެނަލްޓީ ކާމިޔާބުކޮށްފައިވާއިރު މައިލޯއިން 3 ވަނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ޕެނަލްޓީ ޖަހަން ހަމަޖެހިފައިއޮތީ ކޮންމެ ޓީމަކުން ތިން ޕެނަލްޓީކަމަށް ވުމުން ކޮންމެ ޓިމަކުން ތިން ޕެނަލްޓީ ޖަހާ ނިމުނުއިރު 2-1 އިންކުރި ހޯދާ މިމުބާރާތުގެ ފައިނަލުން މައިލޯސިޓީ ވަނީ ޖާގަ ހޯދާފައެވެ.
ރޭ ކުޅެވުނު ސެމީފައިނަލްގެ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯސިޓީގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްދިން ކެޕްޓަން ހާޒިމް ފައުޒީއެވެ.
މައިލޯސިޓީ އަކީ ވަގުތުން މިމަހުގެ ތެރޭގައި ހިތަދޫގައި ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލްގައިވާދަކޮށްފައިވާ ޓީމެވެ.
ކޮމެންޓްސް (0)