ފުލުހުންގެ 90 އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މިރޭ ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑުގައި ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންނާއި ދިވެހިރާއްޖޭ އުއްތަމަފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް އަދުނާނު އާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲގ ގެ ދެ ކަނބަލުންނާއި ދަޢުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ވެރިންނާއި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ ލިބިލެއްވި ފުލުހުންގެ ހަތް އޮފިސަރަކަށާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ލިބިލެއްވި ފުލުހުންގެ ފަސް އޮފިސަރަކަށް ކުލައާއި މެޑަލް އަރުވާފައެވެ. މި ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. މީގެ އިތުރުން، ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ “ކޮމެމޮރޭޓިވް ކޮއިން”ވެސް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް އިހުލާސްތެރިކަމާއެކު ޚިދުމަތްކޮށް ދެއްވާފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ތިން ބޭފުޅަކަށް ހަނދާނީ ފިލާ އަރުވާފައެވެ. މި ބޭފުޅުންނަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުލް ޝުކޫރު ޢަބްދުﷲ އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހިމް ޚަލީލް އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުލް ސަމަދު އިސްމާއީލްއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ 90 އަހަރުގެ ތެރޭގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު އަށް ވަނީ ޝަރަފްގެ އައްޑަނައެއް އަރުވާފައެވެ. އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޙުސައިން ޝާކިރު ވަނީ ފުލުހުންގެ ޚިދުމަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. މި އޮފިސަރުންނަށް ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ.
މިރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯދައިދިން އަށް މުވައްޒަފުންގެ އަގުވަޒަންކޮށް، އެމުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވާފައެވެ. މި މުވައްޒަފުންނަށް ފިލާ ހަވާލުކޮށްދެއްވީވެސް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ.
ކޮމެންޓްސް (0)