އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއިއެވެ.
އައްޑޫ ސިޓީގައި 8000 އެނދު ސަރުކާރުން ތަރައްޤީކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ފަތުރުވެރިކަމަށް ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. މި ސަރަހައްދުގައި އެޅުމަށް ނިންމާފައިވަނީ ގެސްޓު ހައުސްއާއި ހޮޓާ އެކަންޏެއް ނޫނެވެ. މިސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިވެސް ޤާއިމު ކުރެވޭނެއެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއިއެކު މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި މިމަޝްރޫއާއިއެކު އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަންކެޑެއިގައި ހިންގަން ހަމަޖެހިފައިވާ ޓޫރިޒަމް އިންޓަގްރޭޓެޑް ޕްރޮޖެކްޓްގައި ޖުމްލަ 1041 ކޮޓަރި ހިމެނެއެވެ. މިއިން ކޮންމެ ކޮޓަރިއެއްވެސް ތަރައްޤީކުރާނީ ތަފާތު ޑިޒައިންތަކަށް، ޒަމާނީ ފެންވަރަށް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އަދި ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގަ އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމުގެ މަސައްކަތްކުރެވޭނެ ގޮތަށް މަގުހެދުމުގެ މަޝްރޫޢު ވަނީ ފަށާފައެވެ.
މި މަޝްރޫޢަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވޭ މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢުގެ ސަބަބުން ގިނަ ވަޒީފާތައް އުފެދި، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދެކުނުގެ އިޤްތިޞާދީ ހަބަކަށް އައްޑޫ ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކައްތަކަށްވެސް އިތުރު ބާރެއް ލިބިގެން ދާނެއެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް
ކޮމެންޓްސް (0)