ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މި ގެންދަނީ މަސައްކަތް ކުރަމުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މަޓީން އިންތިޒާމްކުރި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި, އެ ގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނަމުންދާ ކަމަށެވެ.
ސްޓްރާޓާ އުޞޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް އަދި ޕްރައިވެޓް އައިލެންޑްގެ ފަތުރުވެރިކަން މިހާރު ވާނީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމަނާފައި. މިއީ ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަށް ޚާއްޞަކޮށްފައިވާ ޕްރޮޑަކްޓްތަކެއް. މީގެ އިތުރުން ވެސް މި އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް ތިޔަބޭފުޅުންނަށް އަރުވަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު އޮތީ ވަރަށް ވާދަވެރި މާޙައުލެއް ކަމަށާއި, ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްޤީކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުރި ކަަމަށެވެ. އަދި މި ވާދަވެރިކަމުގެ ތެރޭގައި ރާއްޖޭގެ ނަން ދެމެހެއްޓޭނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
“އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ ދިވެހި ފަތުރުވެރިކަމުގެ ޚާއްސަ ސިފަތައް އެގޮތުގައި ދެމެހެއްޓުން.“ ރައީސް ވިދާޅުވިއެވެ.
އަދި ހަމައެހެންމެ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މިއަދުވެސް ޚާއްސަ މަސައްކަތްތަކެއްކޮށް, އެކަމަށް ސަމާލުކަން ދޭންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާޢަތު ސިންދަފާތު ކުރުމަކީ މި ސިނާޢަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަކީ ވިސްނުމުގައި ބަހައްޓަންޖެހޭނެ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަސްދަރު : ދިޑެއިލީ
ކޮމެންޓްސް (0)