ކޮވިޑް-19 ޖެހިގެން ހާލު ދެރަވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، ރޭ މެންދަމުގެ ވަގުތެއްގައި އޭނާ މަރުވެފައި ވަނީ ކޮވިޑަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔަތާ ހަފްތާއެއް ވަރު ފަހުންނެވެ.
މަރުވެފައި ވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި އަށްވަނަ މީހާއެވެ. އެހެންކަމުން ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 273 އަށް އަރާފައެވެ.
އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 57 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި ފަރުވާ ދެމުންނެވެ.
އޮމިކްރޯން ވޭރިއެންޓާއެކު ރާއްޖޭގައި ކޮވިޑް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ދުވާލަކު 2،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުންދާ ކަމަށް އެޗްޕީއޭއިން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮވިޑުގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މޭ މަހުގައެވެ. އެ މަހު 88 މީހަކު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައެވެ.
ކޮމެންޓްސް (0)