މިހާރު މާލޭގައި ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް އީގަލްސް އާއި އެއްވަރުވެ މުބާރާތުގެ ފައިނަލުން ޖާގައެއް ޔަގީން ކުރުމަށް ކްލަބް ވެލެންސިއާ އިން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
މާލޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވީ 2 ލަނޑު 2 ލަނޑުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެެލެންސިއާ އިންނެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި މި ލަނޑު ވެލެންސިއާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ބޯހަސް މާޓިންއެވެ.
މެޗުގައި އީގަލްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ސޯޅަ ވަނަ މިނެޓުގައެވެ. މި ލަނޑު އީގަލްސް އަށް ކާމިޔާބުކޮށްދިނީ، އަހްމަދު ހުސައިންއެވެ. މި ލަނޑަށްފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސް އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑުވެސް ނަގާފައެވެ. އީގަލްސްގެ މިލަނޑަކީ އީގަލްސްގެ ހަސަން ރާއިފް އަޙުމަދަށް ވެލެންސިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމްގެ ސަމްދޫހް މުހައްމަދު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ޝިފާން ދިން ޕެނަލްޓީއަކުން އީގަލްސް ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު ކާމިޔާބުކޮށްދިނީ، އަޙުމަދު ރިޒުވާން އެވެ.
ދެވަނަ ހާފް ފަށައިގެން ވެެލެންސިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ދެވަނަ ހާފަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިސްމާއިލް އީސަ (މެސީ) ވަނީ ލަނޑެއް ޖަހާ ވެލެންސިއާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ނަތީޖާއާއެކު ޕްރެޒިޑެންޓްސް ކަޕުގެ އެއްވަނައިގައި 6 މެޗުން ހޯދި 16 ޕޮއިންޓާއެކު އޮތީ ކްލަބް ވެލެންސިއާއެވެ. ދެވަނައިގައި 6 މެޗުން ހޯދި 15 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސް އޮތްއިރު މާޒިޔާ ތިންވަނައި އޮތީވެސް 15 ޕޮއިންޓާއެކުއެވެ. ގްރީންއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެއެވެ.
ކޮމެންޓްސް (0)