މިއަދަކީ ޔޫރަޕުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހެވެ. މިރޭ މެންދަމަށް ކުޅުންތެރިން ގަނެވިއްކުން ނިމުމަކަށް އަންނައިރު ބޮޑެތި ކުލަބުތަކުން ވަނީ ކުޅުންތެރިންގެ ފަހަތުން ކިޔޫ ހަދާފައެވެ. އަގުތައް ހުރީ އަތްނުފޯރާ ފަށުގައެވެ. މިހެންވެ ކުޅުންތެރިން ގަތުމުގެ ރޭހުގެ ފޯރިވަރަށް ގަދައެވެ.
ލީގުގައި ކުޅުނު އެންމެ ފަހު މެޗުތަކަށްފަހު މިހާތަނަށް ނިމުނު އެންމެ ފާހަގަކޮށްލެވޭ ޑީލަކީ އާސެނަލްގެ އޮކްސްލައިޑް ޗެމްބަލައިން 40 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމެވެ. މައްސަލަ ޖެހިފައިވާ އާސެނަލްގެ އެލެކްސިސް ސަންޗޭޒް ގަތުމަށް އެންމެ ބޮޑަށް އުޅެނީ އޭނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ މެންޗެސްޓާ ސިޓީންނެވެ. އެކުލަބުން ހުށަހެޅި 50 މިލިއަން ޕައުންޑަށް އާސެނަލް ނޫނެކޭ ބުނެފައިވާއިރު ބަދަލެއްގެ ގޮތުން ރަހީމް ސްޓާލިން އާސެނަލް އަށް ދިނުމަށް ވެސް ސިޓީ އޮތީ ތައްޔާރަށެވެ. އެކަމަކު މިރޭހަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ވަނުމުން ސަންޗޭޒްގެ ކުރިމަގު ވަނީ ވަރަށް ބޮޑަށް ނޭގުމެއްގެ ތެރޭގައެވެ.
ސްކޮޑު ވަރުގަދަ ކުރުމަށް އިންތިހާ އަށް ބޭނުންވެފައިވާ ޗެލްސީ އަތުގައި ފައިސާ ހުއްޓަސް އަދި ކުޅުންތެރިއަކު ލިބިފައެއްނުވެއެވެ. ޗެމްބަލައިން ނުލިބުނުއިރު އެވަޓަންގެ ރޮސް ބާކްލޭ ގަތުމަށް ކޯޗު ކޮންޓޭ ހުށަހެޅި 50 މިލިއަން ޕައުންޑްގެ ބިޑް ވެސް ވަނީ ފޭލްވެފައެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ރެއާލް މެޑްރިޑުގެ ގެރެތް ބޭލް ގެންނަ ވާހަކަ އަކީ އަދި ހިޔާލެކެވެ.
ޓްރާންސްފާގެ ފަހު ވަގުތު އެންމެ ނުތަނަވަސްކޮށް އުޅޭ ދެ ކުލަބަކީ ލިވަޕޫލާއި ސްޕެއިނުގެ ބާސެލޯނާއެވެ. ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ ޕިލިޕް ކޮޓީނިއޯ ގަތުމަށް ބާސެލޯނާގެ ފަހު ހަނގުރާމަ ކުރަމުންދާއިރު އެކުލަބުން ހުށަހަޅާފައިވާ 148 މިލިއަން ޕައުންޑާ މެދު ލިވަޕޫލުން ގޮތެއް ނިންމާނީ އެކުލަބުން ބޭނުންވާ ކުޅުންތެރިން ލިބިއްޖެނަމައެވެ.
ލިވަޕޫލުން ބޭނުންވަނީ ފްރާންސްގެ މޮނާކޯ އަށް ކުޅޭ ލޯމަސް ލެމާ އާއި ސައުތެމްޓަނުގެ ޑިފެންޑަރު ވާޖިން ވެންޑައިކެވެ. މިއިން ކޮންމެ ކުޅުންތެރިއެއްގެ އަތު 80 މިލިއަން ޕައުންޑާ ގާތްކޮށްފައިވާއިރު ލެމާ ގަތުމުގެ ރޭހަށް ބާސެލޯނާ ވެސް މިހާރު ވަދެއްޖެއެވެ. އެއީ ފަހު ވަގުތު ލިވަޕޫލުން ކޮޓީނިއޯ ނުވިއްކައިފިނަމަ ބާސެލޯނާއިން ގަންނަން ބޭނުންވާ ތިން ކުޅުންތެރިންގެ ލިސްޓުގައި އޭނާ ހިމެނޭތީއެވެ. އަނެއް ދެ ކުޅުންތެރިންނަކީ ޔުވެންޓަސްގެ ޕައުލޯ ދީބާލާ އާއި އެތްލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރިޒްމަންއެވެ.
ޗެލްސީން ދާން ބޭނުންވެފައިވާ ފޯވަޑް ޑިއެކޯ ކޯސްޓާ ފެނުންގާތީ ކުރީގެ ކުލަބް އެތްލެޓިކޯއިންނެވެ. ފްރާންސްގެ މޮނާކޯ އަށް ކުޅޭ ކޭލިއަން އެމްބާޕޭ ބަދަލުވާނީ ޕީއެސްޖީ އަށެވެ. އެއީ 166 މިލިއަން ޕައުންޑަށެވެ.
އިނގިރޭސިންނާއި އިޓަލީއަށް މިރޭ ޓްރާންސްފާ މާކެޓް ބަންދުވި ނަމަވެސް ސްޕެއިނާއި ޖަރުމަނަށް ޓްރާންސްފާ މާކެޓް ބަންދުވާނީ މާދަމާ ނޫން އަނެއް ދުވަހުގައެވެ.
ކޮމެންޓްސް (0)