އައްޑޫ ސިޓީން އިތުރު 12 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ
އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އިއްޔެ އައްޑޫސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވްވި 12 މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެހަވީރު ހަޔެއް ޖެހުމާ ހަމައަށް އައްޑުއަތޮޅުން ނެގުނު 219 ސާމްޕަލްގެ ތެރެއިންނެވެ.
އިއްޔެ ޕޮޒިޓިވްވި 12 މީހުންގެ ތެރެއިން 11 މީހުން މަރަދުން ޕޮޒިޓިވް ވެފައިވާއިރު ފޭދުން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 3 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 4 މީހަކާއި ވަކި ތަރުތީބެއްނެތި ރަށުތެރެއިންނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 5 މީހުންނެވެ.
އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.
މަރަދޫގައި ކޮވިޑްބަލީގެ 92 މީހުން ތިބިއިރު ، މަރަދޫ ފޭދުގައި ތިބީ 37 މީހުންނެވެ . ހިތަދޫގައި 23 މީހުން ތިބިއިރު ފޭދޫގައި ތިބީ 16 މީހުންނެވެ. އަދި ހުޅުދޫގައި ވަނީ އެންމެ މީހެކެވެ.
އެހެންކަމުން އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 169 މީހަކަށް މިވަގުތުދަނީ ފަރުވާ ދެމުންނެވެ.
އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 784 މީހުންގެ ތެރެއިން 612 މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.
ކޮވިޑު-19 ކޭސްތައް އައްޑޫގައި އިތުރުަމުންދިޔަ ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުގެ ވިސްނުން މިވަގުތު ހުރީ ބައްޔާއި އެކު ކުރިއަށް ދިއުމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އޮތް ގޮތަކީ އެޗްޕީއޭގެ ގައިޑުލައިނާއި އެއްގޮތަށް ގައި ދުރުކަން ބަހައްޓައި، މާސްކު އަޅައި، ގިނަގިނައިން އަތްދޮވެ މީހުން އެއްތަނަކަށް އެއްވުން މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކުންދަނީ ބުނަމުންނެވެ.
އައްޑޫގައި ކޮވިޑު ކޭސްތައް އިތުރުވަމުންދާއިރު އާއްމުންގެ ކަންބޮޑުވުން މިވަގުތު އެންމެ ބޮޑީ ހޯމް ކަރަންޓީނަށް އައްޑޫއަށް އައިސް ތިބި އިންޑިއާ މީހުން ގެއިން ބޭރަށް ނިކުމެ ރަށު ތެރޭގައި އުޅުމެވެ. އޭގެ ތެރެއިން ބައެއް މީހުން ރަށުތެރޭގައި އުޅެމުންދަނީ މާސްކުވެސް ނާޅައެވެ. ގްރޫޕް ހަދައިގެން މުޅި ރަށު ތެރޭގައި އުޅޭއިރު އެމަންޒަރު ފެންނަ ޕޮލިހެއް، ކައުންސިލެއް ނެތުމެވެ.
މީގެ ސަބަބުން އައްޑޫގެ ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ކޮމެންޓްސް (0)