ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ވޯލްޑްކަޕަށްފަހު ބޭއްވޭ އެންމެ ފުޓްބޯޅަ މުބާރާތެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕަކީވެސް ދިވެހީން ވަރަށް ބޮޑަށް އިންތިޒާރުކުރާ އަދި ދިވެހީންގެ މެދުގައި އެހާމެ މަގުބޫލް ދެމުބާރާތެވެ.
ދިވެހީން ސަޕޯޓްކުރާ ލިސްޓުގެ އެންމެކުރީގައި އުޅޭ އެންމެ މަގުބޫލް އެއްޓީމަކީ އިޓަލީއެވެ. ވަކިން ޚާއްސަކޮށް އިޓަލީއަކީ ދިވެހި އަންހެން ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލް ޓީމެކެވެ. ރޮބާޓޯ ބާޖިއޯ ، ޓޮޓީ އަދި މަލްޑީނީ ފަދަ ކުޅުންތެރީންގެ ހެޔާ ސްޓައިލާ އިޓަލީގެ ގަޔަށް ބާރު ޖޯޒީތަކަކީވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.
އެހެން މުބާރާތްތަކެކޭ އެއްގޮތައް މިފަހަރު ޔޫރޯގައިވެސް އިޓަލީ ފާހަގަކޮށްލެވޭ ގިނަ ސަބަބުތަކެއް އެބަހުރިއެވެ. އިޓަލީއަކީ އެންމެ ތަފާތު ގޮތަކަށް ގައުމީ ސަލާމް ކިއުމުގައި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ގައުމެވެ. އަޑުހަރުކޮށް ޖޯޝާ ފޯރީގައި ގައުމީ ސަލާމް ކިއުމާ ގުޅޭގޮތުން ގިނަފަހަރެއްގެ މަތީން ކުޅުންތެރީންނާއި ސުވާލުތައްވެސް އަމާޒުވެއެވެ. ކުޅުންތެރީން ގަބޫލް ކުރާގޮތުގައި މިގޮތައް ގައުމީ ސަލާމް ހުށަހެޅުމުން ކުޚުންތެރީންގެ ހިތުގައި ގައުމާމެދު އޮންނަ ލޯބި އިތުރުވެ މެޗްގައި މޮޅަށް ކުޅުމަށް ހިތްވަރު ލިބެއެވެ. އިޓަލީގެ މިއުޅުނު މިހާރު ގިނަގައުމުތަކުން ކޮޕީކުރާކަންވެސް ފާހަގަކުރެވެއެވެ.
މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި އިޓަލީންވަނީ ގިނަ ރެކޯޑްތަކެއް ހަދާފައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާމެޗަކުން މޮޅުވިއިރު ބައިކޮޅަށް ގޯލެއް ވަދެފައެއްނުވެއެވެ. މިއީ ޔޫރޯގެ ތާރީޚްގައި ރެކޯޑެކެވެ.
2018 ގެ ސެޕްޓެމްބަރުމަހު ޕޯޗްގަލްއަތުން ބަލިވިފަހުން އިޓަލީ މެޗަކުން އަދި ބަލިވެފައެއްނުވެއެވެ. އެންމެފަހުން ޔޫރޯ ގަދަ 16 ގައި އޮސްޓްރިޔާއަތުން މޮޅުވިމެޗަކީ އެގައުމުން ބަލިނުވެ ފުރިހަމަކުރި 31 ވަނަ މެޗެވެ. މިމެޗާއެކު 82 އަހަރުވީ ރެކޯޑެއް އެޓީމުންވަނީ މުގުރާލާފައެވެ.
2018 ގެ ވޯލްޑްކަޕަށް ކޮލިފައިނުވި އިޓަލީގެ ކޯޗްކަމާ މިހާރުގެ ކޯޗް ރޮބާޓޯ މަންޗީނީ ހަވާލްވީ 2018 ގެ މެއިމަހުއެވެ. އޭގެ ފަހުން އިޓަލީ ބަލިވީ އެންމެ މެޗަކުންނެވެ. ރޮބާޓޯ މަންޗީނީއަކީ އިޓަލީގެ ގައުމީޓީމްގައި އެންމެ ރަގަޅު ނަތީޖާތަކެއް ނެރުނު ކޯޗެވެ. މިހާތަނަށް އޭނާ އިޓަލީއަށް ކޯޗްކޮށްދިން 36 މެޗްގެ ތެރެއިން 27 މެޗުން އެޓީމް މޮޅުވިއެވެ. މިއީވެސް ރެކޯޑެކެވެ.
މިފަހަރު ޔޫޜޯގައި ރޮބާޓޯ މަންޗީނީ ކުރި އެންމެ ތަފާތު ކަމަކީ ޓީމަށް ގެންނަ ބަދަލުތަކެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ ދެމެޗްގައި ފުރަތަމަ އެގާރައިގައި އޭނާ ބޭނުންކުރީ ގާތްގަޑަކަށް އެއްކުޅުންތަކެކެވެ. ތިންވަނަ މެޗްގައި ޓީމަށް 8 ބަދަލުވަނީ ގެނެސްފައެވެ. އަނެއްކޮޅުން އެމެޗަށްވެސް އެރުވީ ގިނައިން އާކުޅުންތެރީންނެވެ. މިވަރުގެ ބޮޑު ބަދަލެއް ޓީމަށް ގެނައުމަކީ ވަރަށް މަދުންނޫނީ ނުފެންނަކަމެކެވެ. މިކަމާ ގުޅޭގޮތުން މަންޗީނީބުނީ އޭނާ ގައުމީޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި ކުރި ހިތާމަވެރި ތަޖުރިބާއެއް މިހާރުގެ ކުޅުންތެރީން ކުރަންބޭނުން ނުވާކަމަށެވެ.
އަމިއްލަ ގައުމުގައި 1990 ވަނައަހަރު ބޭއްވި ވޯލްޑްކަޕްގައި ވާދަކުރި އިޓަލީޓީމްގައި މަންޗީނީ ހިމެނުނެވެ. އެމުބާރާތުން އިޓަލީ 3 ވަނަ ހޯދިނަމަވެސް މަންޗީނީއަށް އެއްވެސް މެޗެއްގައި ކުޅެލާނެ ފުރުސަތެއް ނުލިބުނެވެ. އޭރު ޓީމްގައި ތިބި މަޝްހޫރު ފޯވާޑުންގެ މޮޅުކުޅުމުގެ ސަބަބުން އޭނާ ހުންނަންޖެހުނީ ހުރިހާމެޗެއްގައިވެސް ބެންޗުގައެވެ. ބޮޑުމުބާރާތެއްގެ މެޗެއްގައި ކުޅެލާނެ ފުރުސަތު ނުލިބުމުން އެކަމާ މާޔޫސްވާންޖެހުނު މިންވަރު ހާމަކުރަމުން އޭނާބުނީ އެކަހަލަކަމެއް މިހާރު ޓީމުގައިތިބި އެއްވެސް ކުޅުންތެރިއަކު ތަހައްމަލްކުރަން އޭނާ ބޭނުންނުވާކަމަށެވެ. އެހެންކަމުން މަންޗީނީވަނީ މިހާތަނަށް އިޓަލީ ޔޫރޯގައި ކުޅުނު މެޗްތަކުގައި ޓީމްގެ ސްކޮޑްގައިހިމެނޭ 23 ކުޅުންތެރީންގެތެރެއިން 22 ކުޅުންތެރިއަކަށް ފުރުސަތުދީފައެވެ. މިހާތަނަށް މެޗެއްގައި ކުޅެލަން ފުރުސަތު ނުލިބެނީ ޓީމުގެ 3 ވަނަ ކީޕަރަށް އެކަންޏެވެ.
މަންޗީނީއަކީ އެގައުމަށް ކޯޗްކޮށްދިން ކޯޗުންގެތެރެއިން މިހާތަނަށް އެންމެ ގިނަ ކުޅުންތެރީންނަށް ގައުމީޓީމުން ފުރުސަތުދިން ކޯޗްވެސްމެއެވެ. މިފަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖަށްފަހު އިޓަލީއަކީ މިހާރު އެންމެގިނަ ބައެއްގެ އެންމެ މަގުބޫލް ޓީމެވެ. ކުރީން އެންމެ މަގުބޫލް ޓީމުތަކުގެ ތެރޭގައި ހިމެނުނު ޕޯޗްގަލް ، ފްރާންސް އަދި ޖަރުމަނު މުބާރާތުން ކެޓުމުން އިޓަލީ ތަށި ހޯދާނެކަމަށް ބުނާމީހުން ވަނީ އިތުރުވެފައެވެ. އަނެއްކޮޅުން ގްރޫޕްގެ އެއްވަނަ ފުރިހަމަ ރެކޯޑަކާއެކު ނިންމާލިޓީމަކަށް ޔޫރޯ ލިބިފައިވަނީ އެންމެ ދެފަހަރުއެވެ. އެއީ ޖަރުމަނާ ސްޕެއިންއެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯ އިޓަލީ ހޯދައިފިނަމަ އެކަންވެސް ވެގެންދާނީ ދުނިޔޭގެ ފުޓްބޯޅައިގައި ކުރީން އެންމެ އުހުގައި ފިޔަޖަހާލި އިޓަލީއަށް މިދިޔަ 10 ވަރަކަށް އަހަރު ލިބުނު ނާކާމިޔާބީތަކުން އަރައިގަނެވުނުކަން ޔަގީންކޮށްދޭނޭކަމަކަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާފައިނަލްގައި މިރޭ ބާރަޖަހާއިރު އިޓަލީއާއި ބެލްޖިއަމް ބައްދަލުކުރާމެޗް ކުޅެވޭނެއެވެ. މި މެޗު ކުޅޭނީ ޖަރުމަނުގެ މަޝްހޫރު ބަޔާން މިއުނިކްގެ ސްޓޭޑިއަމްގަ އެވެ.
މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު މީގެ ކުރިން މި ދެޓީމު 22 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން އިޓަލީ 14 ފަހަރު މޮޅުވެފައިވާއިރު، ބެލްޖިއަމް މޮޅުވެފައިވަނީ ހަތަރު ފަހަރުއެވެ. ހަތަރު މެޗު އެއްވަރުވެފައިވެއެވެ.
އިޓަލީއާއި ބެލްޖިއަމް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން އިޓަލީ މޮޅުވީ 0-2 އިންނެވެ.
ނޯޓް: މިއީ މިއަދު ޓީވީއެމް އިން ފޮނުވި ހޭޔަންބޯ ޕްރޮގްރާމްގައި ފޮނުވާފައިވާ ރިޕޯޓެއް
ކޮމެންޓްސް (0)