ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ބޭއްވި ޚާއްސަ ހަފްލާގައި މީދުއަށް ކުޅިވަރުގެ ރޮގުން ޚިދުމަތް ކުރެއްވި ދެފަރާތެއްގެ އަގުވަޒަންކޮށް އެދެފަރާތައް ހަނދާނީ ލިއުން ދެއްވައިފިއެވެ.
މިމަހުގެ 5 ވަނަ ދުވަހުގެރޭ މީދޫ އަވަށު އޮފީހުން ބޭއްވި މި ހަފްލާގައި ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ރޮގުން ހަނދާނީ ލިއުން ލިބިލެއްވީ މީދޫ ދިވެހި އަލީ ވާފިރުއަށާ އާރލީ ޓަޗް ފުޓްބޯޅަ އެކަޑަމީއަށެވެ.
އަލީ ވާފިރަށް ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ރޮގުން ސެޓްލިފެކް ލިބިލެއްވީ މީދުއަށް ކުޅިވަރު ތައާރަފްކޮށް ކުޅިވަރުޓީމްތައް އުފައްދަވައި ރަޖިސްޓްރީކޮށް ކުޅިވަރު ދިރުވުމަށް މަސައްކަތްތަކެއްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އާރލީ ޓަޗް ފުޓްބޯޅަ އެކަޑަމީއަށް ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ރޮގުން ސެޓްފިކެޓް ލިބިލެއްވީ ކުޅިވަރުގެ ރޮގުން ހުނަރުވެރި ޖީލެއް އުފެއްދުމަށްޓަކައި އިސްނަގައިގެންހިލޭސާބަހަށް ތުއްތުކުދީންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުމަށް އެއެކަޑަމީން ކުރައްވާ މިންނެތް މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މީދޫ ޑެލިފްރެޝް ފެމިލީ ރެސްޓޯރެންޓްގައި ބޭއްވުނު މިހަފްލާގައި މިފަރާތްތަކަށް ހަނދާނީ ލިއުން ހަވާލްކޮށްދެއްވީ އައްޑޫސިޓީ މީދޫ ދާއިރާގެ ކައުންސިލަރު ހިޔާޒު ހަސަންއެވެ.
ދަރުމައަށްޓަކައި ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން އެފަރާތްތަކަށް ހަނދާނީ ލިއުންދީފައިވާއިރު މިއީ މިދުވަސް މީދޫ އަވަށު އޮފީހުން ފާހަގަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓްސް (0)