ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ލޮކްޑައުނަކަށް ނުގޮސް ކޮވިޑް-19 ކޮންޓްރޯލް ކުރެވޭތޯކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި ހިގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަނެއްކާ ވެސް ލޮކްޑައުންއަކަށް ގޮސްފިނަމަ އެކަމުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށާއި، އެހެންކަމުން މަސައްކަތް ކުރައްވަމުން ގެނަދަވަނީ ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެއްވޭތޯ ކަމަށެވެ.
ނަމަވެސް ރައްޔިތުން ގައިޑްލައިންތަކަށް ތަބާ ނުވާ ނަމަ ލޮކްޑައުނަކަށް ދިއުން ނޫން ގޮތެއް ނޯންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.
އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރަމުން ގެންދިޔުމަށާއި އެގައިޑްލައިންތަކާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީން މިއަދު މާލެއާއި ރާއްޖޭގެ ރަށްތަކުގައި ބޭއްވި މުޒާހަރާއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ އިސް ފަރާތްތަކެއް އިސްވެ ތިބެ މާލޭގައި އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒާހަރާ ކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ.
ކޮމެންޓްސް (0)