ޤައުމަށް ހެޔޮއެދޭބަޔަކު މިހާލަތުގައި މަގުތަކަށް އެއްވެ މުޒާހަރާ ނުކުރާނެ – ރައީސް

ދިވެހި ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭ ބަޔަކު ކޯވިޑް-19ގެ ނުރައްކާ ބޮޑު މިޙާލަތުގައި އެއްވެ މުޒާހަރާ ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީޑިޔާއާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑު ކަމާ ގުޅިގެން ޞިއްޙީ ބޭފުޅުން ތަކުރާރުކޮށް ދެއްވާ އިލްތިމާސްތައް ބޮލާލައިޖަހައި އެއާ ޚިލާފަށް ޢަމަލުތައް ބެހެއްޓުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ އިސްބޭފުޅުންތަކެއް ތިއްބަވައިގެން ގައިދުރުކަމެއް މާސްކެއް އެޅުއްވުމެއްނެތި އިހުތިޖާޖު ކުރެއްވުމަކީ ވަރަށް ދެރަކޮށް ކުރެއްވި ކަމެއްކަމަށެވެ.

މިސަރުކާރަކީ މުޒާހަރާ ކުރުމާއި، އިހުތިޖާޖުތައް ހުއްޓުވާނެ ސަރުކާރެއް ނޫންކަމަށާ، އެކަންކަމަށް މިސަރުކާރުން ޖާގަ ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިޙާލަތާ ގުޅިގެން ޚާއްސަ ފިޔަވަޅު ތަކެއް އަޅައި އެންގުންތައް އަންގާފައިވާއިރު އެކަންކަމަށް ހުރިހާ ރައްޔިތުންވެސް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އިދިކޮޅުފަރާތްތަކުން ކޮށްފައިވާ މުޒާހަރާއަކީ ފުލުހުންނާއި އެޗްޕީއޭއިންވެސް ތަކުރާރުކޮށް ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަކަށްވާއިރު އެކަންކަމަށް އިޖާބަނުދީ މުޒާހަރާކުރި ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރި މުޒާހަރާގައި، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދާއި އެ ދެޕާޓީގެ އިސްވެރިން ވަނީ އެއްވެސް ގައިދުރުކަމެއްނެތި އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޙަރަކާތްތެރިވެވަޑައިގެންފައެވެ. އަދި އެބޭފުޅުންނާއެކު ޢާއްމުންގެ އެތައްބަޔަކުވެސް އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް މަގުމައްޗަށް އެއްވެ، ޙަރަކާތްތެރިވެފައިވެއެވެ.

އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދިޔަ ސިޔާސީ ޙަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޙަރަކާތްތެރިވެފައިވާތީ އެކަންބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިންވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މާނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފުލުހުން ވިދާޅުވީ އިދިކޮޅު ހަރަކާތުގައި އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވެ ގައިދުރުކަން ބެހެއްޓުމާއި ބައެއް މީހުން މާސްކު ނާޅައި އުޅެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން ...

އެޕޮއިންޓްމަންޓް ދީގެން ކޮވިޝީލްޑްގެ 2 ވަނަ ޑޯޒް ޖަހަން ފަށަނީ

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން 2 ވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ...

ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް އަންފްރީޒްކޮށްފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައިވަނިކޮށް އެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން ...