ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 3 ވަނަ މެޗު ހިތަދޫ އުސްގަޑަ ޖޫނިއާސް ކާމިޔާބުކޮށްފިއެވެ.
ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗް އުސްގަޑަ ޖޫނިއާސް ކާމިޔާބުކޮށްފައިވަނީ މީދޫ ގަންބުރި އެފްސީ 3 ލަނޑު 2 ލަނޑުން ބަލިކޮށްފައެވެ.
މުބާރާތުގެ ކުއާޓާފައިނަލަށް ދިއުމުގެ ފުރުސަތު މުޅިން ބަންދުވެފައިވާ މިދެޓީމް ރޭ ބައްދަލުކޮށް ކުޅުނު މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ގަންބުރިޓީމުންނެވެ. އެޓީމުން ކާމިޔާބުކުރި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަރުހާދުއެވެ. އެހެން ނަމަވެސް ގަންބުރިޓީމްގެ ލިވާޒްއަށް ހެދުނު ގޯހެއްގެ ސަބަބުން ލިވާޒްއަތުން ބައިކޮޅަށް ލަނޑެއް ވަދެގެން މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.
މިމެޗްގެ ދެވަނަ ހާފްގެ ކުޅުންފަށައިގެން ހިތަދޫ އުސްގަޑަ ޖޫނިއާސް އިން އިތުރު ދެލަނޑު ޖަހާ މެޗްގެ ނަތީޖާ 3 -1 އަކަށް ބަދަލުކޮށްފައިވަނިކޮށް އުސްގަޑަޓީމަށް 4 ފައުލަށްވުރެ އިތުރަށް ފައުލް ކުރެވިގެން ގަންބުރި ޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ސާދު އެޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.
މިމެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3 ލަނޑު 2 ލަނޑުން އުސްގަޑަ ޖޫނިއާސް މެޗުން މޮޅުވެގެންނެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އުސްގަޑަޓީމުގެ އިބްރާހިމް އާލަމް ނަސީމެވެ.
މިގްރޫޕްގެ ޓިމްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތައް ބަލާއިރު މީދޫ ޗެލެންޖާސްއަށާ މީދޫ ބީރިކަނާއަށް 3 މެޗުން 7 ޕޮއިންޓް ވަނީ ލިބިފައެވެ. މިދެޓީމް މިގްރޫޕްގެ ފަހުމެޗްގައި މިއަދު ބައްދަލުކުރާ މެޗު އެއްވަރުވެގެން ނިމިއްޖެނަމަ މިދެޓީމް މިގްރޫޕުން ކްއާޓާރ ފައިނަލަށް ހޮވޭނެއެވެ.
ޚަބަރާއި ގުޅޭ ފޮޓޯތައް: ލުބުނާ މަޖީދު މުޚްތާރު
ކޮމެންޓްސް (0)