އައްޑޫ ސިޓީ ހިތަދޫން ދެވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ހިތަދޫން ޕޮޒިޓިވް ވެފައި ވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ އަކީ މާލެ އިން އައްޑުއަށް ގޮސް ފުރަބަންދު ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ކޮވިޑް-19 އަށް ޓެސްޓް ކުރި މިހެއްކަމަށްވެސް އެވްޕީއޭއިންވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭ އިން ވަނީ ހިތަދޫން ކޮވިޑް 19 ގެ ފުރަތަމަ ކޭސް ފެނުމާގުޅިގެން ވަގުތީގޮތުން ހިތަދޫ ފުރަބަންދު ކޮށްފައެވެ.
އެޗްޕީއޭ އިން ހިތަދޫ ފުރަބަންދުކުރުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ކައުންސިލަށް ފޮނުވި އެންގުމެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނީޓަރިންގއަށް ލާފައިވާ ކަމަށެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5041 އަށް އަރާފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މާލޭ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. މާސްކް އެޅުން މަޖުބޫރު ކުރީ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި މީގެ އިތުރަށް އަތޮޅުތެރޭގެ ހުރިހާ ރަށްރަށެއްގައިވެސް މާސްއަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓްސް (0)