ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެންނަމަވެސް އެހުއްދަ ދީފައިވަނީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވަކި ޚާއްސަ އުޞޫލްތަކެއްގެ މަތިންނެވެ.
މިއަހަރުގެ އަޟްޙާ ޢީދު މިއައީ، މި ޙާލަތުގައި އަޅުގަނޑުމެން ދިރިއުޅެނިކޮށެވެ. ކޮންމެ އަހަރެއްގެ އަޟްޙާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަކީ އަޅުގަނޑުމެންނަށް އަންނަ ވަރަށް އުފާވެރި މުހިންމު މުނާސަބަތެކެވެ. މި ނަޞީބު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިއހަރު މިވަނީ ގެއްލިފައެވެ.
އެހެންނަމަވެސް މިސްކިތްތަކުގައި ޢީދު ނަމާދުކުރުން އެބައޮތެވެ. މިސްކިތްތަކަށް ނަމާދަށް ދާއިރުވެސް ސަމާލުކަންދޭންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
މާލެ ސަރަޙައްދުގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. އަދި އަންހެނުންނަށް ޢީދު ނަމާދު ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މާލޭގައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ވިލިމާލޭގައި މަސްޖިދުލް ބިއްރި ގައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލޭގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މަސްޖިދުލް ޢަޒީޒާ މޫސާގައެވެ.
މިސްކިތަށް ދާއިރު ސަމާލުކަން ދޭންވީ ކަންކަން
- ހުކުރު ނަމާދާއި ޢީދު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދަކަށް ދިއުމަށް އިސްކަންދިނުން
- އަންހެނުންނާއި ކުޑަކުދިން މިހާލަތުގައި މިސްކިތަށް ނުދިއުން
- ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ފުއްޕާމޭގެ މައްސަލަތައް ހުންނަ ފަރާތްތަކާއި ދުވަސްވީ މީހުންނާއި ބަލީގެ ޢަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުން
- މިސްކިތަށް ދާއިރު އަމިއްލަ މުސައްލަ ގެންދިއުން
- އަނެކާގެ މުސައްލަމަތީ މުސައްލަ ނޭޅުން
- އެމީހެއްގެ އަމިއްލަ މުޞައްލަ މަޠީގައި ނަމާދުކުރުން
- މާސްކް ނާޅާ މިސްކިތަށް ނުދިއުން
އެހެންކަމުން މާދަމަ ޢީދު ނަމާދަށް ދާއިރު އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާ އުޞޫލްތަކާ އެގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. މާލޭގެ އިތުރަށް އަތޮޅުތަކުގެ ރަށްތަކުގައިވެސް ބަލި މިހާރު ފެތުރެމުންދާއިރު މިކަންކަމަށް ސަމާލުކަން ދިނުމަކީވެސް މުހިންމުކަމެކެވެ.
މިސްކިތަށް ނަމާދަށްދާއިރު ވީހާވެސް ބޮޑަކަށް ގައިދުރުކަން ބެހެއްޓުމާއި ނަމާދުކޮށް ނިމިގެން އިތުރު ތަންތަނަށް ނުގޮސް ސީދާ ގެޔަށް ދިއުމަކީމަކީވެސް މިދަނޑިވަޅުގައި އެންމެ މުހިއްމުކަމެވެ. އެހެން ޢިދު ދުވަސްތަކާ މިއަހަރު ތަފާތުވާނެކަން ޤަބޫލްކޮށް އަތާ އަތްޖޯޑުކޮށްގެން މިފަހަރު ޢީދުގެ ތަޙްނިޔާ ކިޔާ ސަލާމްވެސް ކުރެވޭކަށް ނެތެވެ. އޭގެ ބަދަލުގައި ޓެކްނޮލަޖީގެ ޒަރިއްޔާއިން މިއަހރުގެ ޢީދުގެ ތަޙްނިޔާތައް ފޮނުވާލާށެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް
ކޮމެންޓްސް (0)