ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން މަބުރޫކު ވިދާޅުވެއްޖެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބުރޫކު ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ފަރާތުން ހަދިޔާކުރަން ނިންމި ޖީން އެކްސްޕާޓް މެޝިނަށް ލައްވާ ކާޓްރިޖް މީގެކުރިން ބުނި ތާރީޚަށް ނުލިބުމުން ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާކަމަށެވެ.
މިމަހުގެ 3 ވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި އޮންލައިންނޫސް ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ މެއި މަސް ނިމުމުގެ ކުރީން ކޮވިޑް19 އަށް ޓެސްޓްކުރުމަށް ބޭނުންކުރާ މެޝިންތަކަށް ލައްވާ ކާޓްރިޖްތައް ލިބެން އޮތް ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެކާޓްރިޖް ލިބިފައި ނުވާކަމަށާ އެކާޓްރިޖްތައް ލިބޭނެކަމަށް މިހާރު ލަފާކުރެވިފައިވަނީ އަންނަ މަހަށްކަށް މަބުރޫކު ވިދާޅުވިއެވެ.
” އަޅުގަނޑުމެން އިތުރު ސްޓްރެޓަޖީތަކެއް ރާވާނެ ރާއްޖޭގަ ޓެސްޓް ކުރުމުގެ ކަންތައްތަކުގައި. ޖުލައި މަސް އަންނަންދެނެއް ޖީން އެކްސްޕާޓަށް ލައްވާ ކާޓްރިޖްތައް ނުލިބިގެން އަޅުގަނޑުމެން އެގޮތަކަށް ތިބެވޭކަށް ނޯންނާނެ”، މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވަނީ އިރާދަކުރެއްވިއްޔާ މިދިޔަ މެއި މަސް ނިމެންވާއިރަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް ކޮވިޑް 19 އަށް ޓެސްޓް ކުރެވޭނެގޮތް ހަމަޖެހިގެން ދާނެކަމަށް ވިދާޅުވެފައެވެ.އެހެން ނަމަވެސް އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ކޮވިޑަށް ޓެސްޓް ހެދޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ.
އެހެންނަމަވެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެސް ބޭނުން ކުރަމުން އަންނަ އެންޓިބޮޑީ ޓެސްޓު ހެދޭ އެފިއަސް 6 ގެ ސިސްޓަމެއް ހޯދުމަށްފަހު ކޮވިޑަށް ޓެސްޓް ކުރުމުގެ ހުއްދަ އައްޑޫސިޓީ ފޭދޫގައި ހިގަމުންދާ “އެއިމްސް ކްލިނިކް ” އިން ހެލްތު މިނިސްޓްރީގައި އެދުމުން އެހުއްދަ އެއިމްސް ކްލިނިކަށް ދެވެން ނެތްކަމަށް ހެލްތު މިނިސްޓްރީން އަންގައިވާފައިވާކަމަށް އެއިމްސްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުފައެވެ.
ކޮމެންޓްސް (0)