(8 ނޮވެމްބަރ 2019 ދުވަހާއި ގުޅޭ )
ޖާހިލު
މިއުފެދުނު ހައިރާންކަން މިމައްސަލަ އިތުރަށް ސާފުކުރުމުގެ ޝައުޤު ހިތުގައި އުފަންކުރުވިއެވެ. އެއަށް އިޖާބަދެމުން ތަޢްލީމީ ދިރާސާވެރިޔާ ކޮބާރން، 2003ގައި ޝާއިޢުކުރެއްވި ދިރާސާ ރިޕޯޓަށް ބަލައިލީމެވެ. އެލިއުމުގެ ޞ. 27ގައި ޔޫއެސްއޭގެ އިންޑިއާނާޕޮލިސްގެ ސްކޫލުތަކުގެ ސައިޒު ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް ހަވާލާދީ ލިއުއްވާފައިވަނީ ” ލާމަރުކަޒީ ކުރަން ނެގި މިއިސްނެގުމުގެ މައިގަނޑު ލަނޑުދަނޑިއަކީ ދަރިވަރުންގެ ބޭނުންތައް ރަނގަޅަށް ފުއްދައިދިނުމަށް ރަނގަޅަށް ގާތުން އުނގެނުމުގެ ފުރުޞަތު އެކުދީންނަށް ފޯރުކޮށް ދިނުން” މިހެންމެވެ.
މިލިއުންތަކުން އޮޅުމެއްނާރާ މިންވަރަށް ހާމަވާ ގޮތުން ޔޫއެސްއޭގައި ކޭ – 12 ސްކޫލު ނިޒާމުގެ ކޮންސެޕްޓު އުފަންވެފައިވަނީ ލާމަރުކަޒީ ހިންގުމުގެ ކޮންސެޕްޓުގެ ތެރެއިންނެވެ. މިގޮތުން ކޭ – 12ގެ ސްކޫލު ނިޒާމު އެމްޑީޕީ ޖަޒީރާ ރާއްޖޭގެ ކޮންސެޕްޓަށް ރަނގަޅަށް ފެތެއެވެ. އެޔާއި ޚިލާފަށް މިނިސްޓަރ ޢާއިޝަތު އަލީގެ 12-K ސްކޫލު ކޮންސެޕްޓް އަންނަނީ “މަރުކަޒީ ހިންގުމު”ގެ ދާއިރާގެ ތެރެއަށެވެ. އެގޮތުން މި ކޮންސެޕްޓް ފެތެނީ 2013 – 2018ގައި ރާއްޖޭގައި އޮތް ސަރުކާރުން ގެންގުޅުނު “މަރުކަޒީ ހިންގުމު”ގެ ކޮންސެޕްޓަށެވެ. ޖުމުލަކޮށް ބަލާއިރު މިއިން ލިބޭ ނަތީޖާއަކީ މިނިސްޓަރ އާއިޝާގެ ބްލޫ ޕްރިންޓް އިން ޔޫއެސްއޭގައި އެއޮތް ކޭ -12 ސްކޫލު ނިޒާމުގެ އަސާސީ ކޮންސެޕްޓްގެ އިތުރަށް ޖަޒީރާ ރާއްޖޭގެ ކޮންސެޕްޓުގެ މައިގަނޑު ތަރަހަ ކަމުގައިވާ ލާމަރުކަޒީ ހިންގުމުގެ އުސޫލު ވެސް މުގުރާލެވޭކަމެވެ.
ހަވާލާދެވުނު ސިޓިފުޅުގައި އޮތް “އުނގެނުމަށް ފަހި މާހައުލެއް” މި ބަސްކޯޅީގެ ދޭހަ ހޯދަން އަނެއްކާ ވެސް ގޫގުލްބެގެ އެހީއަށް އެދުނީމެވެ. އެބޭބެ މިފަހަރު ގެނެސްދިން އެއް ލިއުމަކީ SARAH BENES & HOLLY ALPERIN ލިއުއްވައި https://us.humankinetics.com ގައި ޢާންމު ކުރައްވާފައި އޮތް ލިއުމެކެވެ. އޭގައި އުނގެނުމަށް ފަހި މާހައުލެއްގައި ހުންނަ ޚާއްޞަ ސިފަތައް ބުނެދީފައި އޮތީ މިހެންނެވެ:
- ޖިސްމާނީ ގޮތުންނާއި ޖަޒްބާތިގޮތުން ރައްކާތެރިކަން އޮތް ކަމުގެ އިހުސާސު ދަރިވަރުންނަށް ކުރެވުން. އެކުދީންނަށް ކުލާސްރޫމަކީ އެކަނި ތިބެވިދާނެ އަދި އިންޞާފުކުރެވުމަކާއި ނުލައި ޝުޢޫރާއި ޚިޔާލު ފާޅުކުރެވިދާނެ ތަނެއް ކަން އެނގުން
- ދަރިވަރުންނަށް – ޤާބިލުކަން، ޖިންސު، ނަސްލު ނުވަތަ ދީން ފަދަ އެހެން ބަހާތަކަށް ބެލުމަށް ނެތި – އެކުދީންގެ އަގުކުރެވި ގަދަރުކުރެވޭކަން އެނގުން
- ދަރިވަރުންނަށް ކުލާހު އޮނިގަނޑާއި އެކުދީންނާ މެދު އުންމީދުކުރެވޭ ކަންތަކާއި ގުޅޭ ކަންކަމުގެ މިލްކުވެރިކަމާއި އެކަންކަމަށް ހިއްޞާކުރުމުގެ އިޚްތިޔާރު އޮތުން. މީގައި ދަރިވަރުން ބޭނުންކުރުމަށް ޚާއްޞަކޮށްގެން ހުސްތަންތަން ހެދުމުން ފެށިގެން ގަވައިދު އެކުލަވާލުމާއި ދަރިވަރުންގެ ކިބައިން އުންމީދުކުރެވޭ ކަންކަން ކަނޑައެޅުމަށް ކުލާސް ބަހުޘުކުރުމާ ހަމައަށް ހުންނަ ކަންކަން ހިމެނެއެވެ.
- ހުރިހާ ދަރިވަރުންނަށް މަތީ އުންމީދުތައް ހާޞިލުކުރުމަށް ގޮންޖަހާލެވި އެކަންކަން ހާސިލުކުރުމަށް ބޭނުންވާ ސަޕޯޓް އެކުދީންނަށް ދެވުން.
- ދަރިވަރުންގެ އުޅުން ހުންނަންވާ މިންގަނޑުތައް ކަނޑައެޅި އެއުސޫލުތައް ހުއްޓުމެއް ނެތި ހަމަހަމަކޮށް ހުރިހާކުދިންގެ މައްޗަށް ތަންފީޒުކުރެވުން
- ކުލާހު އޮނިގަނޑު ކާމީޔާބީ ތަޖްރިބާކުރުމުގެ ގިނަ އަދި ތަފާތު ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުން
- މުދައްދިސު ހުރިހާ ކުދީން ދަސްކޮށް، މާނަވީ ތަޖްތިބާތައް އުފެއްދުމަށް އެމަޢްލޫމާތު ބޭނުންކުރުން
- ޓީޗަރާއި ދަރިވަރުންނާ ދެމެދުގައި އަދި ކުލާހު ކުދީންގެ މެދުގައި ޕޮޒިޓިވް ރެޕޯ (އިޖާބީ ގުޅުން) އޮތުން
ދަރިވަރުންނަށް އުނގެނުމަށް ފަހި ހިތްހަމަޖެހޭ މާހައުލެއް ފޯރުކޮށް ދިނުމަށް ބޭނުންވާ ޚާއްޞަ ސިފަތައް/ ކަންތައް ކަމުގައި ބެލެވޭ އިސްވެ ބަޔާންކުރި ކަންތަކަކީ ސ.އަތޮޅު މަދުރަސާގެ ފުރާޅުގެ ދަށުން އެކަނި ފޯރުކޮށްދެވޭނެ ކަންތަކަށް ވާނެކަމަށް ގަބޫލުނުކުރެވެއެވެ. އަދި ކީއްތޯއެވެ. މިހާރު އެކުދިން ކިޔަވަމުން ދާ ސްކޫލު ފަދަ އުނގެނުމުގެ ކުޑަ ވެށްޓަކުން އެކަންތައް މާރަނގަޅަށް ފޯރުކޮށްދެވޭނެ ކަމަށް ފެންނަ އިރު، ދިރާސީ ލިއުންތައް ވެސް ބޮޑަށް ސަޕޯޓްކުރަނީ މިވިސްނުމަށެވެ. އެހެންކަމުން އެކަންކަން ފޯރުކޮށް ދޭން ޕްރައިމަރީ މަރުހަލާގައި ކިޔަވާ ހުޅުމީދޫ ދަރިވަރުން އެކުދީންގެ މުޖްތަމަޢާއި އެކަހެރިކޮށް މަރުކަޒީ ސްކޫލަކަށް ގެންދަންޖެހޭ ސަބަބެއް ނެތެވެ.
މިފެށި ދަތުރުގެ އެންމެ ފަހު މަންޒިލަކީ އެސިޓީފުޅުގައި އޮތް ” ސްކޫލު ނިޒާމު ރޭވުމާއި ގުޅޭ ގޮތުން ހެދިފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދަރިވަރުންނަށް ސްކޫލު ދައުރުގައި ހިތްހަމަޖެހޭ، އުނގެނުމަށް ފަހި މާހައުލެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް”ގެ މަޠްލަބު ދޭހަކުރަން ކުރި މަސައްކަތެވެ. މިއިން އެކަމަނާ ވިދާޅުވެދެއްވަނީ މިގެނެވޭ ބަދަލުގެ މައިގަނޑު އަމާޒުހެން ހީވެއެވެ. އެއީ މިހާރު ދަރިވަރުންނަށް ހޯދޭ ތަޢްލީމީ ކާމިޔާބީއަށް ވުރެ މަތިވެރި ކާމީޔާބީއެއް އެއްފުރާޅެއްގެ ދަށުން ހިނގާ 12-K ސްކޫލަކުން ހޯދޭނެކަމަށް ދިރާސާތަކުން ފެންނާތީ ކުދިންނަށް އެފުރުޞަތު ތަނަވަސްކޮށްދެއްވުމެވެ. އެޑިޔުކޭޝަނިސްޓް މެތިއު ލިންޗްގެ “ބައެއް ދިރާސާވެރިން ދެކޭ ގޮތުން ކާމިޔާބު ސްކޫލެއްގެ އަސާސީ މިންގަޑަކަށް ވާންވާނީ ދަރިވަރުންގެ ނަތީޖާ އެވެ. ހެޔޮކޮށް ވެސް އެއީ ރަނގަޅު ގޮތް ކަމަށް ވިސްނެއެވެ. އެހެނީ ސްކޫލުތަކުގެ ހަމައެކަނި މަގުސަދަކީ އެތަންތާގެ ދަރިވަރުންނަށް އުނގަންނައިދިނުން” އިން ކުރެވޭ މި ހީއަށް ބާރުލިބެއެވެ.
އަޅުގަނޑަށް މިހީކުރުވުނީ ރަނގަޅަށް ކަމަށް ވާނަމަ މީގައި ދެކަމެއް އެބަހިމެނެއެވެ. ފުރަތަމަ ކަމަކީ މިގެނެވޭ ބަދަލުން ދަރިވަރުންނަށް މިހާރަށް ވުރެ ރަނގަޅު ތަޢްލީމީ ނަތީޖާ ލިބޭނެއެވެ. ދެވަނަކަމަކީ މިގެނެވޭ ބަދަލުން ރަނގަޅު ނަތީޖާ ލިބޭނެކަމަށް މިދެކޭ ދުށުމަށް ދިރާސާތަކުން ބާރު ލިބެއެވެ
(ނުނިމޭ )
ކޮމެންޓްސް (0)