އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެއަރޕޯޓު މަޝްރޫޢާއެކު އެސިޓީގައި ފަތުރުވެރިކަމަށް އިތުރު އެނދު ނެރެންޖެހޭކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ދިވެހިންގެރާއްޖެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ޖެއްސުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާފައެވެ.
” އައްޑޫ އެއަރޕޯޓަށް ވަރަށްގިނަ ހޭދަކުރެވޭ އެކަމަކު ނަތީޖާއެއް ނުފެނޭ ، ސަބަބަކީ ޓޫރިޒަމަށް ބޭނުންވާ ބެޑް ކެޕޭސިޓީ ނެތުން ، ޑރ. މުއިއްޒުގެ އަމާޒަކީ އައްޑޫގައި 6000 އެނދު އޮޕްރޭޝަނަށް ގެނައުން “
މޫސާ ރަމީޒު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށްޖެހުމަށް ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓް މަޝްރޫޢުގެ މުހިއްމުކަން ފާހަގަކުރައްވަމުން މޫސާ ޒަމީރު ވިދާޅުވީ، އައްޑޫގައިވެސް ބައިނަލްއަޤުވާމީ އެއަރޕޯޓުގެ މަސައްކަތް އަބަދުވެސް ކުރެވޭކަމަށެވެ. އެހެންނަމަވެސް އޭގެ އެކަށީގެންވާ މަންފާ އައްޑޫއަށް ނުލިބުމުގެ މައިގަނޑު ސަބަބަކީ އެސަރަޙައްދުގައި ފަތުރުވެރިކަމަށް ބޭނުންވާ އެނދު ނެތުމުންކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.
“މީގެ 6 އަހަރުކުރިން އަޅުގަނޑުމެން ވަރަށް މަސައްކަތްކޮށްގެން ސައުތް އެފްރިކަން އެއަރލައިންސްއަކާއި ސްރީލަންކަން އެއަރލައިންސް ގެނެސްގެންވެސް މަސައްކަތްތަކެއް ކުރެވުނު. އެހެންނަމަވެސް މާލޭ އެއަރޕޯޓު 1980 ގެ އަހަރުތަކުގައި ކުރިއަރައިގެން ދިޔަގޮތަށް އައްޑޫ ކުރިއަށް ނުގޮސްގެން އެއުޅެނީ އެޢަދަދަށް ބެޑް ނެތީމަ. އެހެންވީމަ ޑރ. މުޢިއްޒަށް މިކަން އެނގިވަޑައިގެން އެބައޮތް މިކަމަށް ޙައްލު ގެނެސްދޭނެ ޕްރޮޖެކްޓެއް ރާއްވަވާފައި.
ޒަމީރު ވިދާޅުވިއެވެ.
މޫސާ ޒަމީރު ވިދާޅުވީ އެކި ފަހަރުމަތިން އައްޑޫގެ އެއަރޕޯޓު ތަރައްޤީކުރުމަށް އެކިވަރުގެ މަސައްކަތް ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެކަމުން ނަތީޖާ ނެރުމަށް ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
މިގޮތުން އެސަރަޙައްދުން 6000 އެނދު އޮޕަރޭޝަނަށް ގެނެސްދިނުމަކީ ޑރ. މުޢިއްޒުގެ ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު ތަޞައްވަރެއްކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ތަންފީޒުކުރަމުންދާ ލާމަރުކަޒީ ޤާނޫނުގެ ދަށުންވެސް މަސައްކަތް ކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް އެރަށްރަށުގެ ކައުންސިލަށް ދޫކުރުމަށް ނިންމަވާކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ރަށްރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެ އޭގެ ސީދާ ނަފާ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް – ފޮޓޯ: ޕީއެސްއެމް ނިއުސް
ކޮމެންޓްސް (0)