ކޮވިޑް-19 އަށް ފަރުވާ ދެމުން ގެންދިޔަ އިތުރު ދިވެއްސަކު ރޭ ދަންވަރު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއްވައެވެ.
މިހާތަނަށް ރާއްޖެއިން 22 މީހަކު ވަނީ ކޮވިޑް-19ގައި ނިޔާވެފައެވެ. މިއާއެކު މިހާތަނަށް މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދު ވަނީ 16 އަށް އަރާފައެވެ. އަދި ބިދޭސީން 6 މީހަކުވަނީ ނިޔާވެފައެވެ.
ރޭ އައިޖީއެމްއެޗަށް ގެންދިޔަ އިރު ނިޔާވެފައިވާ އުމުރުން ދުވަސްވީ މީހަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ރޭވަނީ ހާމަކުރައްވާފައެވެ. ކޮވިޑް ޖެހިގެން މިދިޔަ އަންގާރަ ދުވަހާ ބުދަދުވަހުވެސްވަނީ މީހަކު މަރުވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މިހާރުވެސް 156 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވާނަމަ ނިޔާވާ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކުރައްވާފައެވެ.
ކޮވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސް ބޭނުން ކުރަމުންދާ މީހުން އިތުރެވެ.
ރާއްޖޭގައި މިހާތަނަށް 5،494 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިބަލި ޖެހުނު 2،920 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓްސް (0)