މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫސިޓީ ކައުން ސިލުން އައްޑޫސިޓީގައި ސިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތް ދޭ ތަންތަން، (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) މާރޗު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ފަހުން، ޚިދުމަތްދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 18:00 އަށް ކަމުގައި ނިންމައިފިއެވެ.
އަދި ޚިދުމަތް ދިނުމާބެހޭ ގަވާއިދެއްވެސް ސިޓީ ކައުންސިލުންވަނީ އާއްމުކޮށްފައެވެ. ސިޓީކައުންސިލުން ޚިދުމަތް ދިނުމާއިބެހޭ ގޮތުން އާއްމުކޮށްފައިވާ ގަވާއިދު ތިރީގައި ދަންނަވާފައިއެވަނީއެވެ.
- ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު.
- ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ،މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ.
- ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ( ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ޚިދުމަތްނުދެވޭނެ)
- ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން.
- ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދޭންބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 18:00 ރޭގަނޑު 22:00 އަށް ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދެވިދާނެ.
- 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނުން މި އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ޚިދުމަތް ދޭންބޭނުންވާ ނަމަ އަވަށު އޮފީހުން ޚާއްސަ ހުއްދަހޯދަންވާނެ.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެކަންކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.
ކޮމެންޓްސް (0)