އެމްއީސީ ގެ ކައުންސިލް މެމްބަރުން މަސައްކަތްކުރައްވާގޮތައް މަސައްކަތްކުރެވޭނެ އަންހެން ކަނބަލުން މުޅިދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާރމެންޓްގެ ކޮމިއުނިޓީ އެމްޕަވާރމެންޓް ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީ ވިދާޅުވެއްޖެވެ.
ޝެހެޒިނީ މިހެން ވިދާޅުވީ އެމްއީސީގެ 9 ވަނަ އަހަރީ ދުވަހާއި އެމްއީސީގެ އެވޯޑް ދިނުމުގެ ހަފްލާގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
” އެމްއީސީގެ އިސްފަރާތްތަކާއި ރަސްމީ ސިފައެއްގައި ބައްދަލުވީ އަޅުގަޑު މިހާރު މަސައްކަތްކުރާ ޔޫތު މިނިސްޓްރީގައި މަސައްކަތްކުރަންފެށިފަހުން . ފާހަގަކޮށްލަން ބޭނުންވާކަމަކީ ރާއްޖޭގައި ހިންގާ ޖަމްއިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި މުޖުތަމައަށް ގިނަގުނަ ކަންތައްތަކެއްކޮށްދޭން ބޭނުންވެގެން އެފަދަ ކަންތައްތައް ކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރާ އެއްޖަމްއިއްޔާއެއްގެ ގޮތުގައި އެމްއީސީ ފާހަގަކޮށްލެވޭކަން.” ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެހެޒިނީ ވިދާޅުވިއެވެ.
ޝެހެޒިނީ ވިދާޅުވީ އެމްއީސީ ގެ ކައުންސިލް މެމްބަރުންނަކީ ވަޒީފާ އަދާކުރައްވަމުން އާމްދަނީ ހޯދަން އެހެނިހެން މަސައްކަތްތައްވެސް ކުރައްވަމުން އަދި ގޭތެރޭގެ ކަންތައްތަކާ އާއިލާގެ ކަންތައްތައް ބަލަހައްޓަމުން ޖަމްއިއްޔާ ހިންގުމަށް ވަރަށްބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކުރެވިފައިވާކަށެވެ.
އަދި އެމްއީސީގެ ކައުންސިލް މެމްބަރު ކުރައްވާ މަސައްކަތްތައްް ވަރަށްބޮޑަށް ފާހަގަކޮށް އެބޭފުޅުންނަށް ޚާއްސަ ޝުކުރެއް ދަންނަވަމުން ޝެހެޒިނީ ވިދާޅުވީ މިގޮތައް މަސައްކަތްކުރެވޭނެ ކަނބަލުން މުޅިދުނިޔޭގައިވެސް ވަރަށް މަދުވާނެކަމަށެވެ. އަދި މީގެ އިތުރަށް ޝެހެޒިނީ ވިދާޅުވީ ކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިއްމުކަންދަނެ އެފަރާތްތަކަށް އެވޯޑްދިނުމަކީވެސް އެމްއީސީއަށް އައްސަރިބަހާ ސާބަސް ދަންނަވަންޖެހޭވަރުގެ ކަމެއްކަމަށެވެ.
ރޭ ސ. އަތޮޅު މަދަރުސާގައި ބޭއްވުނު މިހަފްލާގައި މީދޫ އަށް ތަފާތު ރޮގުރޮގުން ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ އަންހެން ކަނބަލުންނަށާއި ، މުޖްތަމައަށް އެކި ރޮގުރޮގުން ހިދުމަތްކުރައްވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ފިލާ ދީފައިވެއެވެ. އަދި އެމްސީއަށް އަށް ހިދުމަތްކޮށް ދެއްވަމުން ގެންދަވާ ކަނބަލުންނަށާއި އެމްއީސީ އަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށްވެސް އެކަމުގެ އަގުވަޒަންކޮށް ރޭގެ ހަފްލާގައި ހަނދާނީ ފިލާ ދެވުނެވެ.
އަދި މީގެ އިތުރަށް އެމްއީސީގެ “ލާމަސީލު” މެމްބަރާއި ޒުވާނުންގެ ތެރެއިން އިޖްތިމާއީ މަސައްކަތަކުގައި ޝައުޤުވެރިކަމާއި އެކު ހަރަކާތްތެރިވާ އެންމެހަނގު ޒުވާނާގެ މަސައްކަތް ފާހަގަކޮށް “އަރާތަރިގެ” ނަމުގައި އެފަރާތަށްވެސް އެވޯޑް ދީފައިވެއެވެ.
ކޮމެންޓްސް (0)