ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ކޯޓަށް ހާޒިރުކުރި ފަހުން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް މައުމޫންގެ މައްޗަށް ދެ ދައުވާއެއް އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލައިފައެވެ.
އެގޮތުން ސަރުކާރު ވައްޓާލަން އުުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި އެ ފޯނު އޮތްތަން ބުނެ ނުދިނުމުން ރައީސް މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރެއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމާއި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމްކޮށްފައިވާ ނެޓްވޯކުގެ ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެއެވެ.
ކޮމެންޓްސް (0)