ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ އަދި ކުންފުންޏަށް ގެއްލުންވާގޮތަށް ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހަވާލުކުރި ބައެއް މަސައްކަތްތައް ރެކޯޑް ނުކުރެވިހުރި ކަމަށެވެ. އަދި އެ ފައިސާ ނުދީގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ފެނަކައިން ހިންގި ޚިޔާނަތްތަކުގެ ތަފްޞީލު ރައްޔިތުންނަށް ފެންނަން އެބައޮތް ކަމަށެވެ.
ނިމިދިޔަ ސަރުކާރުން އެ ކުންފުނި އިންތިހާއަށް ދަރިނިވެރިކޮށް، މީހުންގެ އިތުބާރު ގެއްލުވާލިކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް މެންޑޭޓުގައި ނުހިމެނޭ ބައެއް ޕްރޮޖެކްޓްތައް ފެނަކައާ ހަވާލުކުރި ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން 48 އޭޓީއެމް އަޅަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި، އެއިން ކޮންމެ ޕްރޮޖެކްޓެއް ފެނަކައާ ހަވާލުކޮށްފައިވަނީ 295،000 ރުފިޔާއަށް ކަމަށާއި އެއީ ގެއްލުމުގައި ހަވާލުކުރި މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.
“އެވަރުގެ ތަނެއް ހަދަން އޭރުގެ މާކެޓް ރޭޓުން ދާނީ 8 ލައްކަ ރުފިޔާ، އެ ޕްރޮޖެކްޓްތަކަށް ދެން ނެގީ މުވައްޒަފުން. އެގްރީމަންޓްގައި ސޮއިވެސް ކުރި އެ ޕްރޮޖެކްޓްތަކަށް. ކޮންމެ ޕްރޮޖެކްޓަކަށް 4 ލައްކަ ނޫނީ 5 ރުފިޔާ ޚަރަދުކޮށްފި. 40 އިންސައްތަ މަސައްކަތް ނިމިފައި ހުރީ. ކިހާ ބޮޑު ގެއްލުމެއްތޯ މިއީ؟ އޭޓީއެމްތައް އަޅަމުންދިޔައީ ފެނަކައިގެ ބިންތަކުގައި”
މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ އޭޓީއެމްތަކުގެ އިތުރުން ނުއަގުގައި ގިނައަދަދެއްގެ އައިސްޕްލާންޓްތައް އަޅަންވެސް ފެނަކާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން 9 އައިސްޕްލާންޓް އަޅަން ހަވާލުކުރިއިރު އެ މަސައްކަތް ވެސް ކޮށްފައިވަނީ ނުއަގުގައި ކަމަށާއި ޕްރޮޖެކްޓްގެ މަސައްކަތް ނުނިމެނީސް އޮޕަރޭޝަނަށް މުވައްޒަފުންވެސް ނަގާފައިވާ ކަމަށެވެ.
“އައިސް ޕްލާންޓް އަޅަން ފިޝަރީޒް މިނިސްޓްރީން ފެނަކައާ ހަވާލު ކުރި. އޭރު ހަވާލުކުރީ 9 އައިސް ޕްލާންޓް 4.5 މިލިއަން ރުފިޔާއަށް. އެ މަޝްރޫއު އަޅަން ހަވާލުކުރީ ވަރަށް ކުޑަ އަގެއްގައި. އެ އަދަދަށްވުރެން މާގިނައިން ފެނަކައިން ޚަރަދު ކޮށްފައިވޭ”
މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ މިހާރު އެ ދެ ޕްރޮޖެކްޓް ވެސް ބާތިލުކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީއާއި ބީއެމްއެލްގައި ދަންނަވާފައިވާނެ ކަމަށެވެ.
މުއާޒް ވިދާޅުވީ ފެނަކައަކީ ކުރިއަށް އޮތް 5 އަހަރު ފައިދާވާ ކުންފުންޏަކަށް ހެދުމަށް ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓްސް (0)