އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ފުރަތަ ލެގުގައި ޗެލްސީއާއި މިޑްލްސްބަރާ ވާއްދަލުކުރި މެޗުން ޗެލްސީ ބަލިވެއްޖެއެވެ. މިޑްލްސްބަރާގެ ރިވާސައިޑް ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މިޑްލްސްބަރާއަށް ޖަހައިދިނީ ހައިޑެން ހަކްނީއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ އިސައިއާހް ޖޯންސްގެ އެހީތެރިކަމާއި އެކުގައެވެ.
ޗެލްސީން މިމެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެ ޓީމްގެ ކޯލް ޕަލްމާއަށް ލަނޑުޖަހާނެ ރަނގަޅު ތިން ފުރުޞަތެއް ލިބި ބޭނުން ނުކުރެވުނެވެ. މިއީ ލަނޑެއް ނުޖެހި މި ސީޒަންގައި ޗެލްސީން ނިންމާލި ހަވަނަ މެޗެވެ.
ލީގު ތާވަލުގެ 10 ވަނާގައި މިވަގުތު އޮތް ޗެލްސީއަކީ މި ސީޒަންގައި ލަޑުޖަހަން ލިބުނު “ބިގް ޗާންސް” އެންމެ ގިނައިން މިސްކޮށްލި ދެވަނަ ޓީމެވެ. އެ ޓީމުން ސީޒަންގެ މިހާތަނަށް ބޮޑު 40 ފުރުސަތު ނަގާލިއިރު، އެންމެ ގިނަ ފުރުސަތު ނަގާލި ލިވަޕޫލުން ވަނީ މިހާތަނަށް ބޮޑު 41 ފުރުސަތު ނަގާލާފައެވެ.
ޗެލްސީން ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި މިޑްލްސްބަރާއާއި ބައްދަލުކުރާ މެޗު ކުޅޭނީ މި މަހު 23 ވަނަ ދުވަހުއެވެ.
ކޮމެންޓްސް (0)