ބެން-ގުވީރު އަޤްޞާއަށް ގޮސް މުސްލިމުންނަށް ފުރައްސާރަކޮށްފި

ޔަހޫދީ އިސްރާޢީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރު ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމުގައިވާ މަސްދިޖް އަލް-އަޤްޞާއަށް ވަދެ، މުސްލިމުންނަށް ފުރައްސާރަކޮށްފިއެވެ. އޭނާ އަކީ ފަލަސްޠީން ނެތިކޮށްލަން އެންމެ ބޮޑަށް ފޫގަޅައިގެން މަސައްކަތް ކުރަމުންދާ، އެ ކަމަށް އެންމެ އަޑުހަރުކޮށް ބާރުއަޅަމުންދާ ޔަހޫދީ އިސްރާޢީލުގެ އެންމެ ޖައްބާރު އެއް ވަޒީރެވެ. އޭނާ އަލް-އަޤްޞާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކޮށްފައި މި ވަނީ ޔަހޫދީ އަސްކަރިއްޔާއިން ފަލަސްޠީނުގެ ޣައްޒާއަށް ބޮންއަޅައި ލޭއޮހޮރުވުންތައް ހިންގައި، ގިނަ ޢަދަދެއްގެ މުސްލިމުންތަކެއް ޝަހީދުކޮށްލިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

އޭނާ އަލް-އަޤްޞާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަ ކުރުމުގައި އޮތީ އެންމެ ބޭނުމެކެވެ. މުސްލިމުން ރުޅިއަރުވައިލުމެވެ. މުސްލިމުންގެ ލޭކެކުވައިލުމެވެ. އަދި، އިސްރާޢީލާ ދެކޮޅަށް ތެދުވެ، ޙަމަލާއެއް ދޭން ބާރުއެޅުމެވެ. އޭނާގެ މަޤްޞަދަކީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ޓެރެރިސްޓް ސިފައިން މެދުވެރިކޮށް އަލުން ޙަމަލާތައް ދޭން ފެށުމެވެ. މުސްލިމުންގެ ލޭއޮހޮރުވައިލުމެވެ. ލާއިންސާނީ އުދުވާންތަކުގައި ޝަހީދުކުރާ މުސްލިމުންގެ ޢަދަދުތައް އިތުރު ކުރުމެވެ.

އަލް-އަޤްޞާއަށް ވަދެ އޭނާ ބުނީ އެ ތަނަކީ އިސްރާޢީލުގެ ތަނެއް ކަމުގައެވެ. އިސްރާޢީލުން ކޮންޓްރޯލްކުރާ ޔަހޫދީންގެ އަތްދަށުގައިވާ ތަނެއް ކަމުގައެވެ. އަދި، އެއީ އިސްރާޢީލުގެ ޔަހޫދީންނަށް މުހިންމު ތަނެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އޭނާ އަލް-އަޤްޞާއަށް ގޮސްފައި މި ވަނީ “ޖެރޫސެލަމް ޑޭ” ނުވަތަ ޤުދުޞްގެ ދުވަހުގެ ގޮތުގައި ޔަހޫދީން ފާހަގަކުރާ ދުވަހާ ދިމާކޮށެވެ. އެއީ، 1967 ވަނަ އަހަރު ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެކެވެ. ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށެވެ.

އެ ދުވަސް ފާހަގަކުރުމަށް ޔަހޫދީންގެ ބޭއްވި ހިނގައިލުންތަކުގެ ބައިވެރިން ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ޙަމަލާދީފައެވެ. އަދި، އެ ކަން ރިޕޯޓުކުރަން ހަރަކާތްތެރިވި ނޫސްވެރިންނަށް ވެސް ޙަމަލާދީފައެވެ. ޔަހޫދީން އަލް-އަޤްޞާއަށް ވަނުމާ ދެކޮޅަށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ދަނީ އަޑުއުފުލަމުންނެވެ. ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތުން ވެސް ވަނީ މި ކަމާ ގުޅިގެން ޔަހޫދީންނަށް އިންޒާރުތަކެއް ދީފައެވެ.

ދާދިފަހުން ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިންނާއި ފުލުހުން ވެސް ވަނީ އަލް-އަޤްޞާއަށް ވަދެ، މިސްކިތުގެ ތެރޭގައި ލޭއޮހޮރުވުންތައް ހިންގާފައެވެ. “ބެން-ގުވީރު އަލް-އަޤްޞާއަށް ވަގަށް ވަތް ނަމަވެސް، އެ ތަނަކީ ޔަހޫދީންގެ ތަނަކަށް ދުވަހަކު ވެސް ނުވާނެ. އެ ތަނަށް ޔަހޫދީންގެ ސިޔާދަތީ ބާރެއް ނުހިންގޭނެ،” ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ބެން-ގުވީރު އަލް-އަޤްޞާއަށް ވަނުމަކީ އެ މިސްކިތުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ހަމާސްއިން ވެސް ވަނީ ސިފަކޮށްފައެވެ. އަދި، އެ ކަމުގެ ރައްދުގައި ބަދަލުހިފާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާޢަތުން ދީފައިވެއެވެ. އެމެރިކާއިން ވެސް ވަނީ ބެން-ގުވީރުގެ އަމަލު ކުށްވެރިކޮށްފައެވެ. އެމެރިކާއިން ބުނީ، އަލް-އަޤްޞާއަށް ބެން-ގުވީރު ގޮސްފައި ވަނީ އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ މަޤްޞަދުގައި ކަމުގައެވެ. އަދި، އެއީ ދީނީ ތަނެއް ކަން ފާހަގަކޮށް، ސިޔާސީ މަޤުޞަދުތައް ހާސިލުކުރަން މި ފަދަ އަމަލުތައް ނުކުރުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވަނީ އިސްރާޢީލަށް ގޮވައިލައްވާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިޔާއަށް އަސްކަރީ ޑްރޯން ވިއްކަން އެމެރިކާއިން މަސައްކަތް ކުރަނީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި މަހުގެ ފަހުކޮޅު އެމެރިކާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އިންޑިޔާއަށް އަސްކަރީ ޑްރޯންތަކެއް ...

އޮޅިގެން ދެވުނު އިންޒާރުން ހަވާއީއަށް ބިރުވެރިކަން!

ޕެސިފިކް ކަނޑުގައި އޮންނަ 1.4 މިލިއަން މީހުންގެ އާބާދީގެ ޖަޒީރާއެއްކަމަށްވާ ހަވާއީއަށް މިދިޔަ ހޮނިހިރުދުވަސް ވެގެންދިޔައީ ބިރުވެރި ދުވަހަކަށެވެ. ...

އިންޑިއާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފި

ވެކްސިންގެ ހުރިހައި ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ޔޫއޭއީ ހުޅުވާލައިފިއެވެ. ޔޫއެއީން ބުނެފައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ...